އައްޑޫ ސިޓީ

ހިތަދޫ ފުލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކުރި ފުލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ވަނީ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ޕޮއިންޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތާއި ޕޮއިންޓް ލިބުނު ގޮތާ ދޭތެރޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް ހުޅުވައިލައިފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ފްލެޓްތައް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމު ކުރާނީ ހުށަހަޅައި ޝަކުވާތަކަށް ބެލުމަށްފަހު ލިސްޓަށް ގެންނަން ޖެހޭ ބަދަލެއް ގެނައުމަށްފަހު ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ، 264 ފުލެޓްގެ ތެރެއިން ކެޓަގަރީ އޭގެ ދަށުން ހިތަދޫ އަވަށުގެ މީހުންނަށް ހާއްސަކުރެވުނީ 150 ފުލެޓް ކަމަށާއި ކެޓްގަރީ ބީ ގެ ދަށުން މަރަދޫއާއި މަރަދޫ ފޭދޫއިން ހިތަދުއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ހާއްސަކުރީ 30 ފުލެޓް ކަމަށެވެ. އަދި ކެޓަގަރީ ސީ ގެ ދަށުން ފޭދޫ ރައްޔިތުންގެ ތެރެއިން ހިތަދޫއަށް ބަދަލުވުމަށް ބޭނުންވާ މީހުންނަށް 50 ފުލެޓް ކަމަށް ކައުންސިލުން ބުނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިތަދޫގައި އެޅި 264 ފްލެޓަށް ޖުމްލަ 577 މީހުން ކުރިމަތިލިއެވެ. އެކަމަކު ޝަރުތު ހަމަވެގެން ލިސްޓްގައި ހިމަނާފައި ވަނީ 414 މީހުންނެވެ.

ހިތަދޫގައި އިމާރާތްކުރި ފުލެޓްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ 2016 ވަނަ އަހަރުއެވެ.