އިބްރާހިމް ޒަކީ
އިންފޮމޭޝަން ކޮމިޝަނަރު، މުހައްމަދު ޖަމާލް އަބޫބަކުރު މަޖިލީހަށް ހާޒިރުކޮށް އިތުބާރު ނެތްކަމުގެ ވޯޓުނަގައި މަގާމުން ވަކިކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މަކުނޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ގޮވާލައްވައިފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ބާރު، ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިގުޅައިގަނެފައިވާކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މެންބަރު ވިދާޅުވީ، ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ އިތުރުން މުސްތަގިއްލު އެހެން މުއައްސަސާތަކަށްވެސް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.
އެގޮތުން މިނިވަން ކޮމިޝަންތަކުގެ ބޭފުޅުންނަށް ތަފާތު ކަންތައްތައް ހޯދައިދީފައިވާ ކަމަށް ރާއީ ތުހުމަތު ކުރެއްވިއެވެ.
ރާއީ ވިދާޅުވީ، އޭގެ ތެރެއިން އެއް މުއައްސަސާއަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ކަމަށެވެ.
އޭނާ ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރު މިއޮތް ހުރިހާ ދުވަހަކު ހުންނެވީ ނިދިކުރައްވާފައި ކަމަށާއި، އެފަދަ ނަމެއްކިޔާ ބޭފުޅަކު ހުންނަވާކަން ވެސް އެނގެނީ މިހާރުކަމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މުއްދަތު މިމަހު 22 އަށް ހަމަވާނެ ކަމުގެ މައުލުމާތު ލިބިފައިވާ ކަމަށާއި، މުއްދަތު ހަމަވުމުގެ ކުރިން އިިންފޮމޭޝަން ކޮމިޝަނަރު މަޖިލީހަށް ހާޒިރުކޮށް، އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ބޭރު ކުރަންޖެހޭ ކަމަށް ރާއީ ވިދާޅުވިއެވެ.
"މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރު އޮތީ ނިދައިފަ، މިނިވަންކަން ލިބުނުލެއް ބޮޑުކަމުން، މިއަދު ސިންގާއަކަށްވެ ތެދުވެފަ ބުރަކަށިވެސް ކަހާލަން ނުކެރުނު ބޭފުޅަކު، ތިމަންނަވެސް އެބައިނީމޭ ބުނެފި، އަޅުގަނޑަށް މައުލޫމާތު ލިބުނުގޮތުގައި 22 ގައި ދައުރު ނިމެނީ، ދެން އަޅުގަނޑުމެންނަށްވެސް މިއެނގުނީ އެނަންކިޔާ ބޭފުޅަކުވެސް އެބައިންކަން. އެބޭފުޅާއަށް ލިބުނީ ކޯޗެއްކަން އެނގޭނީ ބަލައިލީމަ، ރެހެންދި ފުލެޓެއް ހުންނަވާހަކަ އަޑުއެހިން، އަޅުގަނޑު ގޮވާލަން އިންފޮމޭޝަން ކޮމިޝަނަރު 22 އަންނަންދެން ދައުރު ހަމަކުރަން ނުބައިންދާ އެބޭފުޅާ ރީތިގޮތުގަދާން ނުބައިންދާ އެބޭފުޅާ މިތަނަށް ގެނެސް ނޯކޮންފިޑެންސް ވޯޓު ނަގައި ބޭރުކޮށްލުމަށް،" މެންބަރު ރާއީ ވިދާޅުވިއެވެ.