ޝަހީދާ އަބްދުﷲ ސައީދު
ހޮވިވަޑައިގެންނެވި ވަޑައިގަންނަވާ މެންބަރުންގެ ގައިގައި އަތްލެވޭ ގާނޫނެއް ހެދިފައި އޮންނަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައިވާ އެންޓިޑިފެކްޝަން ގާނޫނު އުވާލުމުގެ ބިލަށް ބަހުސްކުރައްވަމުން އަހުމަދު އާމިރު ވިދާޅުވީ އެންޓިޑިފެކްޝަން ގާނޫނަކީ އޮންނަން ޖެހޭ ގާނޫނެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުން، ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރަކު އޭނާ ތަމްސީލު ކުރައްވަމުން ގެންދެވި ޕާޓީ ދޫކޮށް ދިއުމަށް އެއްވެސް ރައްޔިތަކު ނޭދޭނެ ކަމަށް އާމިރު ވިދާޅުވިއެވެ.
އެހެންކަމުން ޕާޓީ ދޫކުރައްވައި ވަޑައިގަތުމުން އެ މެންބަރުގެ ގައިގައި ''އަތްލެވޭނެ'' ގާނޫނެއް ހެދިފައި އޮންނަން ޖެހޭނެ ކަމަށް އާމިރު ވިދާޅުވިއެވެ. އާމިރު ވިދާޅުވީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި ތިން އަނގައިން ވާހަކަދެއްކުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް ކަންކަން އޮޅޭނެ ކަމަށެވެ. އެގޮތުން އެންޓި ޑިފެކްޝަން ގާނޫނު ވުޖޫދަށް ގެނައުމަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވައި ވޯޓް ދެއްވި މެންބަރުން، މިއަދު އެގާނޫނަކީ ކަމުނުދާ ގާނޫނެއް ކަމަށް ވިދާޅުވެ މަޖިލީހުގައި ވާހަކަ ދެއްކެވުމަކީ ރައްޔިތުންނަށް އޮޅުން އަރާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުންނަށް ބަސް ބުނުމުގެ ފުރުސަތު 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިވެގެން ދިޔަކަން ފާހަގަކުރައްވަމުން އާމިރު ވިދާޅުވީ، އޭނާ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ މިނިވަން މެންބަރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެދުވަސްވަރު މަޖިލީހުގެ ހާލަތު އޮތްގޮތުން ރައްޔިތުންގެ ހައްގުގައި ބަސް ބުނުމުގެ ހައްގު މިނިވަން މެންބަރުންނަށް ހަނިވެގެން ދިޔަކަމަށް އާމިރު ވިދާޅުވިއެވެ.