ކޮމޮރޮސްގެ ރައީސް އަޒާލީ އައްސައުމާނީއާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރ ޝާހިދު ކޮމޮރޮސްގެ ރައީސްއާ ބައްދަލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ. މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ސޯލިހުގެ ފަރާތްޕުޅުން މިނިސްޓަރ ޝާހިދު ކޮމޮރޮސްގެ ރައީސަށް ސިޓީފުޅެއް އަރުވާފައިވެއެވެ. އަދި ދެގައުމު ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
ކޮމޮރޮސްއަށް މިނިސްޓަރ ޝާހިދު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކޮމޮރޮސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ކޯޕަރޭޝަން މުހައްމަދު އެލް-އަލްމިން ސޫއެފް އަދި ކޮމޮރޮސްގެ މިނިސްޓަރ އޮފް ޔޫތު، އެމްޕްލޯއިމެންޓް، އޮކިޔުޕޭޝަނަލް އިންޓެގްރޭޝަން، ކަލްޗާރ އެންޑް ސްޕޯޓްސް ލަޑެންޓި ހޫމަޑީއާ ބައްދަލުކުރައްވާފައިވެއެވެ.
މި ދަތުރުފުޅަކީ 2023 ގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވުމަށް ކުރާ ބިޑަށް ތާއީދު ހޯދުމަށް ރައީސް ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކުރައްވާ ދަތުރުފުޅެކެވެ.