ޚަބަރު

މީހަކު މަރާލި މައްސަލައިގައި ބަންގުލަދޭޝް ތިން މީހެއްގެ މައްޗަށް ހުކުމްކޮށްފި

ދެހާސް އެގާރަވަނަ މީހަކު މަރާލި މައްސަލައެއްގައި ބަންގުލަދޭޝް ތިން މީހެއް މައްޗަށް ހުކުމްކޮށްފިއެވެ.

ދެހާސް އެގާރަވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ރޭ 10:25 ހާއިރު ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަރީފުލް މަރާލި މައްސަލައާ ގުޅިގެން ގަސްދުގައި މީހަކު މެރުމުގެ ކުށް ޝަރީފާއި އެމްޑީ ސަލާމްގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އަދި މީހަކު ގަސްދުގައި މެރުމުގައި ބައިވެރިވިކަމުގެ ކުށް އަލާލްގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އެ ހާދިސާ ހިނގާފައިވަނީ ފުވައްމުލަކުގައެވެ.

އެ މައްސަލައިގައި ދައުލަތުން ޝަރީފާއި އެމްޑީ ސަލާމްގެ މައްޗަށް ދައުވާކޮށްފައިވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އަދި ޝަރީފުލް މަރާލުމުގައި ޝަރީފާއި އެމްޑީ ސަލާމަށް އެހީތެރިވެފައިވާތީ، އަލާލްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ޝަރީފުލް މަރާލި މައްސަލައާ ގުޅިގެން ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެގެން ޝަރީފާއި އެމްޑީ ސަލާމް 20 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ޝަރީފުލް މަރާލުމުގައި ޝަރީފާއި އެމްޑީ ސަލާމަށް އެހީތެރިވެފައިވާތީ، ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެގެން އަލާލް 17 އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އަލާލް ދިރިއުޅޭ ކޮޓަރިއަށް ޝަރީފުލް ގެންގޮސް، އެމްޑީ ސަލާމާއި ޝަރީފްއާ ދެމީހުންވެގެން، ޝަރީފުލްގެ ކަރުގައި ހިފައި، ބިންމައްޗަށް ވައްޓާލައި، މޭމަތީ ކަކުލުން ޖަހައި، ކަރުގައި ޔޫއެސްބީ ވާގަނޑެއް އައްސައި ނޭވާ ހާސްކޮށް، ތަޅުންމަތީގައި ބޯތަޅައި، ބޮލުގައި ހިފައި ބޯ އަނބުރާލައިގެން ކަރު ބިންދާލައިގެން އޭނާ މަރާލާފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އަދި ޝަރީފުލް މަރުވިތޯ ބެލުމަށް ބުނުމުން ޝަރީފުލްގެ ގައި އަތްލައިގެން މަރުވިތޯ އަލާލް ބެލިކަމާއި ޝަރީފުލްގެ ހަށިގަނޑު އެއްލާލުމަށްޓަކައި އެމްޑީ ސަލާމްގެ ކޮނޑަށް ޝަރީފުލްގެ ހަށިގަނޑު އަލާލް ލައިދީ، މިކަމުގައި އަލާލް އެހީތެރިވެދީފައިކަން ތިން މީހުން ތަހުގީގަށް ދިން ބަޔާންތަކުންނާއި އެމީހުން ޖަރީމާ ހިންގި ގޮތް ދެއްކުމަށް ފުލުހުންގެ ހާޒިރުގައި ތިން މީހުން އެކަން ތަމްސީލުކުރި ވޯޑިއޯއާއި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ ތަހުލީލު ރިޕޯޓާއި ކްރައިމް ސީން އެގްޒަމިނޭޝަން ރިޕޯޓް އަދި މަރުވި މީހާގެ މެޑިކޯލީގަލް ރެކޯޑުން ސާބިތުވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.