2021ގެ ކުރިން ރާއްޖެއަށް ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ފަށައިފި އެވެ.
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަންގެ ހިދުމަތް ރާއްޖޭގެ އާބާދީގެ %90 އަށްވުރެ ބޮޑު ބަޔަކަށް 2021ގެ ކުރީކޮޅު ފޯރުކޮށްދިނުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު ކަމަށް ޕީއެސްއެމް އިން އާންމު ކުރި ބަޔާނުގައި ވެއެވެ. ޖަޕާނުގެ ކޮންސަލްޓެންސީ ކުންފުންޏެއްގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫއާއެކު ލޯކަލް 8 ޗެނަލެއްގެ ހިދުމަތް މިހާރަށްވުރެ ސާފު ކޮލެޓީގައި ބެލުންތެރިންނަށް ހިލޭ ލިބެން ފަށާނެ ކަމަށް ޕީއެސްއެމް އިން ބުނެއެވެ.
ޕީއެސްއެމް އިން މައުލޫމާތު ދޭގޮތުގައި ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަންގެ ހިދުމަތާއެކު ކަނޑުމަތީގެ އުޅަނދު ފަހަރުގައި ދަތުރުކުރައްވާ ފަރާތްތަކަށް މޫސުމާ ބެހޭ މައުލޫމާތެއް ނުވަތަ ގުދުރަތީ ކާރިސާއެއްގެ އެލާޓެއް ހިއްސާ ކުރައްވަން ބޭނުންފުޅުނަމަ އެފަދަ އެލާޓް ދިނުމުގެ ހިދުމަތް ލިބޭނެއެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ރާއްޖޭގެ 19 ސަރަހައްދެއްގައި ކުރިއަށް ދާނެ ކަމަށް ޕީއެސްއެމްއިން މައުލޫމާތު ދެއެވެ. އަދި މި ހިދުމަތާއެކު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ފަސޭހަތަކެއް ލިބިިގެންދާނެކަމަށް ގަބޫލުކުރާކަމަށް ޕީއެސްއެމް އިން ބުނެއެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރަށްރަށުގެ ކައުންސިލްތަކުގެ އެހީ ބޭނުންވާނެ ކަމަށް ޕީއެސްއެމް އިން ބުނެއެވެ.
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަންއަކީ ބްރޯޑްކާސްޓިންގް ދާއިރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ.