މިއަހަރުގެ ފަހު ހަނދުކޭތަ މިރޭ ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި މިރޭ މެންދަމުން އަލިވެ 3:30 ގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން މިއަދު އާންމު ކުރި ސަރކިއުލާއެއްގައި ބުނެފަިއވަނީ މިރޭ ރާއްޖެ ގަޑިން 23:43 އިން ފެށިގެން ފަތިހު 5:17 އާ ދެމެދު ފުރިހަމަ ހަނދުކޭތައެއް ހިފާނެކަމަށެވެ. އަދި ކޭތަ ނަމާދު ކުރުމުގެ އިންތިޒާމް އެރަށެއްގެ ކައުންސިލުން ހަމަޖެއްސުމަށް މިނިސްޓްރީ އިން މި ސާކިއުލާގައި އެދެފައި ވެއެވެ.
މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު މުސްލިމް ''ވަން އޮންލައިން'' އަށް މައުލޫމާތުދެމުން ވިދާޅުވީ މިރޭ ފެންނަ ހަނދުކޭތަ ރާއްޖެއަށް ސާފުކޮށް ފެންނަން ހުރި ނަމަވެސް މިރޭގެ މޫސުން ލަފާކުރެވޭގޮތުން ރާއްޖެ މަތީގައި ވިލާ ބޯ ކަމަށްވެފައި މުޅި ހަނދުކޭތަ އެއްކޮށް ނުފެނިދާނެ ކަމަށެވެ.