ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިމަހުގެ 21 ވަނަ ދުވަހު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު މިމަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ޗިޓް ފޮނުވައިފިއެވެ.
"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުމަކަށެވެ. ޔާމީނާއި އާޒިމާ މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރި ނަމަވެސް، އެ ދުވަހު ކުރިއަށްގޮސްފައިވަނީ އިދާރީ ކަމެކެވެ.
މިމަހުގެ 21 ވަނަ ދުވަހުގެ 11:30ގައި ރައީސް ޔާމީން ހާޒިރުކުރުމަށް ހަމަޖެހިފައިވާ އިރު، އާޒިމާ ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ 11:30 ގައެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށް ބުނެއެވެ.
އާޒިމާއަށް ދައުވާކުރަނީ ރައީސް ޔާމީން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިންއަށް އެހީތެރިވެ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެއެވެ. މަނީ ލޯންޑާކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ވަނީ އުފުލައިފައެވެ.