ޚަބަރު

އެމްއެމްޕީއާރުސީ ހިޔާނާތުގެ، އެސްއޯއެފް މުއާމަލާތްތައް ނުހުއްޓުވީ ނީޒާ އާއި އާތިފްގެ ލަފަޔަށް: ބީއެމްއެލް

1

އެމްއެމްޕީއާރްސީ ގެ އެއްބިލިޔަނަށްވުރެ ގިނަ ރުފިޔާގެ ހިޔާނާތުގެ މައްސަލައިގެ ތެެރެއިން، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓަށް ފައިސާ ޖަމާކޮށް ކުރަމުންދިޔަ މުއާމަލާތްތައް ނުހުއްޓުވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އޭރުގެ އިސްވެރިން އެދިގެންކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިިން ބުނެފިއެވެ.

އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ އިސް ބޭފުޅުން މިއަދު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވީ އެސްއޯއެފްގެ އެކައުންޓުން ހިންގި މުއާމަލާތްތަކާ ގުޅިގެން އެ އެކައުންޓް ވަގުތީ ގޮތުން ހިފެހެއްޓުމަށްފަހު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖަންސް ޔުނިޓް (އެފްއައިޔޫ) އަށް ނޮވެމްބަރު 2014 ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރް) ފޮނުވި ކަމަށެވެ.

ނަމަވެސް އޭރު އެފްއައިޔޫއާ ހަވާލުވެ ހުންނެވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު ކަމަށާއި އެސްއޯއެފްގެ އެކައުންޓްތައް ބޭންކަށް ނުހިފެހެއްޓޭނެ ކަމަށް އޭނާ ލަފާ ދެއްވި ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީިން ވިދާޅުވީ، އެފްއައިޔޫގެ އިސްވެރިޔާ އާތިފް ޝަކޫރު އޭރު ހުންނެވީ ޗުއްޓީގައި ކަމަށެވެ.

ނަމަވެސް ޗުއްޓީއިން އެނބުރިވަޑައިގެން އާތިފް ޝަކޫރުވެސް ވިދާޅުވިީ ހަމަ އެގޮތަށް ކަމަށާއި، އިތުރު މުއާމަލާތްތަކަށް އެ އެކައުންޓް އިންއެކްޓިވޭޓް ކޮށްފައި ނުބެހެއްޓޭނެ ކަމަށާއި އެކައުންޓް އެކްޓިވޭޓް ކުރަން ޖެހޭނެ ކަމަށް ނީޒާ އާއި އާތިފްގެ ފަރާތުން އިންސްޓްރަކްޝަން އައިކަމަށް ޔާމީން ވިދާޅުވިއެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން ނީޒާ އިސްތިއުފާ ދެއްވީ ގަވަރުނަރަކަށް ހަމަޖެއްސުމަށް ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަން ފޮނުވުމަށްފަހު އަނބުރާ ނަން ގެންދިއުމާ ގުޅިގެންނެވެ. ނީޒާ އަކީ މިހާރު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.

މިއަދުގެ ބައްދަލުވުމުގައި ބީއެމްއެލްގެ ޑެޕިޔުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެސްއޯއެފްގެ އެކައުންޓުތަކުން ކުރަމުންދިޔަ މުއާމަލާތްތައް އޭގެ ފަހުން ވެސް އެފްއައިޔޫއަށް ރިޕޯޓު ކުރަމުންދިޔަ ކަމަށެވެ. ނަމަވެސް، އިތުރު ފިޔަވަޅެއް އަޅަން އަންގާފައިވާ ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟