ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

އެންމެ ބޮޑު ނުރައްކަލަކީ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން: އަމީނު

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވުމާއި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މައްސަލަ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިފަދައިން ވިދާޅުވީ، ވައި ނުސާފުވުމުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވާން ތައްޔާރު ކޮށްފައިވާ "ބްރީތު ލައިފް" ކެމްޕެއިން އިފުތިތާހު ކުރުމަށް ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެއަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ ސިއްހީ ނުރައްކަލަކީ ނޭވާލާ ނިޒާމުގެ ތަފާތު ބަލިތަކާއި ސްޓްރޯކް ޖެހުމާއި ހިތުގެ ބަލިތައް ފަދަ ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުން ކަމަށެވެ. އެހެންކަމުން ވައި ތަޣައްޔަރުވުން ކުޑަ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރު އަމީން ގޮވައިލެއްވިއެވެ.

އަމީން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތައް ފަދައިން ރާއްޖޭގައި ބޮޑެތި ފެކްޓްރީތައް ނެތަސް، ރާއްޖޭގެ ތިމާވެއްޓަކީ ރައްކާތެރި މާހައުލެއް ނޫންކަމަށެވެ. އަދި މާލޭ ސިޓީ މިހާރު އޮތް ހާލަތު ބަދަލުކޮށް އަންނަން އޮތް ޖީލުތަކަށް ސާފު ވައި ލިބޭނެ މާހައުލެއް ގާއިމުކުރުމަށް ދުރުރާސްތާ ޕްލޭނަކާއެކު މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިއަދު ފެށި ''ބްރީތް ލައިފް'' ކެމްޕޭނަކީ ޑަބްލިޔޫއެޗްއޯ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.