ނައިބު ރައީސް ފައިސަލް ނަސީމު ''ބްރީތް ލައިފް'' ކެމްޕެއިން އިފުތިތާހުކޮށްދެއްވައިފިއެވެ.
''ބްރީތް ލައިފް'' ކެމްޕެއިނަކީ ވައި ނުސާފުވުމުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވާން ތައްޔާރު ކޮށްފައިވާ ނެޝަނަލް އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ފެށި ކެމްޕެއިންގެ ދަށުން، ބްރީތު ލައިފް އެކްޝަން ޕްލޭންގަައިވާ ކަންކަން ހާސިލް ކުރަން ޑަބްލިޔޫއެޗްއޯ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.
މި ކެމްޕެއިނަކީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން، ވައި ތަޣައްޔަރުވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވެފައިވާ ގައުމަކަމަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތެކެވެ.
ވައި ތަޣައްޔަރުކުރާ މާއްދާތަކާ ގުޅޭގޮތުން ގައުމީ ފެންވަރުގައި އަމަލުކުރާނެ ޕްލޭނެއް އިފްތިތާހުކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 12 ގައެވެ. އެދުވަހުގެ ބޭއްވި ރަސްމިއްޔާތުގައި ވައި ތަޣައްޔަރު ކުރާ މާއްދާތަކުން ލިބޭ ގެއްލުންތަކަށް މީހުން ހޭލުންތެރިކުރުމަށް ''ބްރީތް ލައިފް'' ކެމްޕެއިން ގެ ނަމުގައި ނެޝަނަލް އެވެއަނަސް ކެމްޕޭނެއް މިއަހަރުގެ ތެރޭގައި ހިންގާނެކަން އިއުލާންކޮށްފައި ވެއެވެ