މިއަހަރުގެ ފަހު ހަނދުކޭތަ މިރޭ ރާއްޖެއަށް ފެންނާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު މުސްލިމް ވިދާޅުވީ މިރޭ ފެންނަ ހަނދުކޭތަ ރާއްޖެއަށް ސާފުކޮށް ފެންނާނެ ކަމަށެވެ. ނަމަވެސް މިރޭގެ މޫސުން ލަފާކުރެވޭގޮތުން ރާއްޖެ މަތީގައި ވިލާ ބޯ ކަމަށްވެފައި މުޅި ހަނދުކޭތަ އެއްކޮށް ނުފެނިދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިރޭގެ ހަނދުކޭތަ ހިފާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ މިރޭ 23:43 ގައެވެ. މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު މުސްލިމް ވިދާޅުވީ ހަނދުކޭތަ 23:43 ގައި ހިފިކަމުގައި ވީނަމަވެސް ބަލާބެލުމަށް ފުސް ހަނދުކޭތައެއް ފެންނާނެ ކަމަށެވެ. އަދި ދަންވަރު 01:00 ގައި ހަމަލޮލަށް ސާފުކޮށް ފެންނަ ވަރަށް ކޭތަ ހިފާނެ އެވެ.
މުޅީން ފުރިހަމަ ކޮށް މިރޭގެ ކޭތަ ހިފާނީ މެންދަމު 02:30 ގައެވެ. ކޭތަ ހިފައި ނިމޭނީ ފަތިހު 05:17 ގައެވެ. ނަމަވެސް ކޭތަ ވީއްލަމުން ދާއިރުވެސް ފުސްކޮށް ފެންނާނެކަމަށް މެޓުން ބުނެފައިވެއެވެ.
މިރޭ ހިފާ ހަނދުކޭތަ އަކީ މިއަހަރު ހިފާނެ އެންމެ ފަހު ހަނދު ކޭތައެވެ.