ރިޔާސީ ދައުރު ނިމުމުގެ ކުރީން މާލީ ބަޔާން ހުށަހަޅަން ފުރުސަތު ދެއްވާފައިވާ ސިޓީއެއް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ރައީސް ޔާމީންގެ ސްޕޯކްސްޕާސަން އިބްރާހީމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
މުއާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސީ ފަހު އަހަރު ހިމަނައިގެން މާލީ ބަޔާން ހުށަހެޅުމަށްޓަކައި މީގެ "ދެތިން" ދުވަސްކުރިން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
މުއާޒް ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ ލަފާގެ މަތީން ރައީސްގެ މާލީ ބަޔާނާ ގުޅޭ ހުރިހާ މަޝްވަރާތައް ވަނީ މިހާރު ނިންމާލާފައި ކަމަށެވެ.
ރާއްޖޭގެ ކުރީގެ ރައީސުންނަށް އިޝަރާތްކޮށް މުއާޒް ވިދާޅުވީ ގަވާއިދުން މާލީ ބަޔާން ހުށަހަޅާފައި ނުވާ ރައީސުން ތިއްބެވި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކަށް ފިޔަވަޅު އަޅުއްވާފަައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.