ފުވައްމުލަކުގެ މަގުތައް ހަދަމުން އަންނަނީ އެންމެ ޒަމާނީ ފެންވަރަށް ކަމަށާއި މިއަހަރުގެ ނޮވެމްބަރު މަހު މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، ފުވައްމުލަކުގެ ރިންގް ރޯޑާއި އެތެރޭގެ 31 މަގެއް ޒަމާނީ ފެންވަރަށް ހަދަން އެކުންފުންޏާއި ހަވާލުކުރީ ދެއަހަރު ތެރޭގައި މަސައްކަތް ނިންމާގޮތަށް ކަމަށެވެ.
ނަމަވެސް މިއަހަރުގެ ނޮވެމްބަރު މަސް ނިމޭއިރު ފުވައްމުލަކުގެ ހުރިހާ މަގުތަކެއް ހަދައި ނިންމާނެ ކަމަށް ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ރަށު ތެރެއިން ތާރު އަރައިގެން ޒަމާނީ ފެންވަރަށް ހަދަމުން އަންނަނީ 31 މަގެއް ކަމަށާއި މަގުތަކުގެ ބޭސް ލޭޔާގައި ހިލަ ބޭނުން ކުރަމުން އަންނަ ކަމަށެވެ. ބޭސް ލޭޔާގައި ހިލަ ބޭނުންކުރުމަށް ނިންމީ ސަރުކާރުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެކަމަށް ބޭރުން ހިލަ ގެންނާތީ ޕްރޮޖެކްޓްގެ އަގު ގާތްގަނޑަކަށް 20 ޕަސެންޓް ބޮޑުވެފައިވާ ކަމަށެވެ.
އަދި އެތެރޭގެ މަގުތަކުގެ ޕްރޮޖެކްޓު އަގަކީ އަކީ 270 މިލިއަން ރުފިޔާ ކަމަށާއި މިއީ ސަރުކާރުގެ ބަޖެޓުން ޕީއެސްއައިޕީގެ ދަށުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވެސް ޝާހު ވިދާޅުވިއެވެ.
މީގެއިތުރުން ޝާހު ވިދާޅުވީ މިހާރު ދަނީ މަގުގެ ދުވާރު ހެދުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެމަސައްކަތް އަވަހަށް ނިންމުމަށް ކައުންސިލާއި ރައްޔިތުންވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ފުވައްމުލަކުގައި އަލަށް ހަދާ މަގުތަކުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ އޭޕްރީލް 1 ގައެވެ.