އިބްރާހިމް ޒަކީ
އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ، 5،000 ރުފިޔާގެ އިނާޔަތް، 10،000 ރުފިޔާ އަށް ބޮޑު ކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ޕެންޝަނަށްބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހުގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، މި އިސްލާހު ހުށަހެޅުއްވީ، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރެވެ.
މި ބިލް ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނަކީ ގައުމަށް ފައިދާހުރި ބުރަ މަސއްކަތްތަކެއް ކޮށްދެއްވާފައިވާ ބައެއް ކަމަށެވެ.
އެހެންކަމުން މި ބިލްގެ މަގުސަދަކީ އެފަރާތްތައް ގަދަރުވެރިކަމާއި ފުދުންތެރިކަމާއެކު މުޖުތަމައުގައި ދިރިއުޅޭ ބަޔަކަށް ހަދައި، ދުވަސްވީ މީހުންނަށް ހުރިހާ މާނައެއްގައިވެސް އުފާވެރި މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުން ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ މިފަދަ ބިލްތައް ހުށަހެޅުމުން ހަރަދު ބޮޑުވާނެކަމަށް ސަރުކާރުން ބުނާނެ ކަމަށެވެ.
ނަމަވެސް ބޭކާރު އެތައް ހަރަދެއް ސަރުކާރުން ކުރާ ކަމަށާއި، ކޮސްޓް އޮފް އޮޕަރޭޝަން ޖެހޭނީ ކުޑަކުރަން ކަމަށްވެސް ވިދާޅުވިއެވެ.