މިއަދު ރާއްޖޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުކޮށްފައިވާއިރު، ތ. ކިނބިދުއަށް އުދައާއެކު މިޔަރު އަރައިފިއެވެ.
ތ. ކިނބިދޫ ކައުންސިލުގެ ނައިބު ރައީސް އަބްދުﷲ ނާޒިމް ''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެރަށަށް މިއަދު ވަރަށް ބޮޑަށް އުދަ އަރާފައިވާ ކަމަށެވެ.
އަދި އުދައާއެކު ރަށުތެރެއަށް ތިން މިޔަރު އަރާފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މިޔަރު ހިފާފައި ކަނޑަށް ދޫކޮށްލީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަނެއް މިޔަރު އަމިއްލައަށް މޫދަށް ފައިބައިގެން ދިޔައީ ކަމަށެވެ. އަދި މިޔަރެއްގެ ދިގުމިނުގައި ގާތްގަނޑަކަށް ދެ ފޫޓުބައި ނުވަތަ ތިން ފޫޓު ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރަށުގެ ވަށައިގެން އުދަ އަރަމުން ދިޔައިރު ރަށު ތެރޭގެ ބައެއް ހިސާބުތަކުގައި ތިން ފޫޓާއި ދެ ފޫޓު ބަޔަށް ލޮނުގަނޑު އުފުލިފައިވާ ކަމަށެވެ. އަދި މިރޭވެސް ރަށުގެ ބައެއް ހިސާބުތަކުގައި ފޫޓަކަށް ލޮނުގަނޑު އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އުދައިގެ ސަބަބުން ގޭގެއަށް ލިނުގަނޑު ވަދެފައި ނުވާކަމަށާއި ނަމަވެސް ގަސްގަހާ ގެއްސަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށެވެ.
އަދި ސުކޫލު ކުދިންގެ ތެރެއިން 193 ބައިސްކަލަށް ލޮނުގެ އަސަރުކޮށްގެން ގެއްލުންވެފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ މިއަދު ބޯކޮށް ވާރޭވެހި އުދަ އަރަންފެށީ ހެނދުނު 10:00 އިން ފެށިގެން ކަމަށެވެ. އަދި އެންމެ ބޮޑަށް އުދަ އަރަން ފެށީ މިއަދު 2:00 އާއި 2:30 އާ ދެމެދު ކަމަށް ނާޒިމް ވިދާޅުވިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި އުދައަރާނެއެވެ.