ރާއްޖޭގައި 2023ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމަށް ބިޑްކުރުމާ ގުޅޭ ސިޓީ، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖުގްނޯތުއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަރުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މޮރިޝަސްއަށް ވަޑައިގެންނެވި ޝާހިދު، މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ އެރުވީ މިއަދު ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.
ޝާހިދުގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަށް ރާއްޖެއިން ހުށަހަޅާ ބިޑަށް މޮރިޝަސް އިން ތާއީދުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިމަހުގެ 19 އިން 28އަށް މޮރިޝަސްގައި ބާއްވާ އައިއޯއައިޖީއަކީ ރާއްޖެއަށް ކާމިޔާބު ގޭމްސްއަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.