ޚަބަރު

19 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗް ފެރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ނަވާރަ މީހުންނާއެކު މާލެއިން ފުރައިގެން ށ. އަތޮޅަށް ދަތުރުކުރަމުންދިޔަ "ނިޒާމް" ނަމަކަށް ކިޔާ ލޯންޗް ފެރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހަވީރު 4:24 ހާއިރު ކަމަށާއި އެ ފެރީގައި އަލިފާން ރޯވެފައިވަނީ ޅ. މާފިލާފުށި ކައިރިން ކަމަށެވެ. އެ ހާދިސާ ހިނގި އިރު ލޯންޗް ފެރީން ދަތުރުކުރީ 10 އަންހެނުންނާއި ހަތަރު ކުޑަކުދިންނާއި އަދި ފަސް ފިރިހެނުންނެވެ.

އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ ފެރީގެ އިންޖީންރޫމްގައި ހުރި ބެޓެރީއެއްގައެވެ. އެ ލޯންޗުގައި ރޯވި އަލިފާން ލޯންޗުގެ ފަޅުވެރިން ކުރި މަސައްކަތުން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހަވީރު 5:18 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓްގައި، އެ ލޯންޗް ފެރީގައި ތިބި މީހުން ނައިފަރަށް ގެންގޮސްދީފައިވާ ކަމަށާއި ފެރީ ލޯންޗް ވެސް ނައިފަރަށް ކައިރިކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.