ފަނޑިޔާރުންނާ ބެހޭގޮތުން ހުށަހެޅިފައިވާ ދެ މައްސަލައެއް ނުބެލުމަށް ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ފަނޑިޔާރުންނާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ދެ މައްސަލައެއް ބަލާނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.
ފަނޑިޔާރުންނާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބަލާނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް ނިންމި ދެ މައްސަލައަކީ ކޮބައިކަމެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ. އަދި އެއީ ކޮން ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކެއް ކަމެއް ވެސް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ޖޭއެސްސީން އަންނަނީ ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހެޅިފައިވާ ދެ މައްސަލައެއް ވެސް އެ ކޮމިޝަނުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.
އެނގިފައިވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގު ކުރާ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލައަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް ދަރަނި އަދާނުކޮށްގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ ހުރިހާ ލިޔުންތަކެއް ސުޕްރީމް ކޯޓުން ގެންދިޔަ މައްސަލައެވެ.
ޖޭއެސްސީން ވަނީ މީގެ ކުރިން ސުޕްރީން ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ވެސް ތަހުގީގުކޮށްފައެވެ. އެ މައްސަލަ ތަހުގީގުކުރުމަށްފަހު މައްސަލަ ތަހުގީގުކުރި ކޮމިޓީން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ. އެ ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކޮމިޓީގެ ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވުމަށް ފަނޑިޔާރު އަބްދުﷲ ދީދީއަށް ވަނީ 30 ދުވަހުގެ މުއްދަތެއް އެ ކޮމިޝަނުން ދީފައެވެ.