ދިވެހިރާއްޖެއާއި ސީޝެލްސް އިން، ދެ ގައުމުގައި ހުރި އެއްގޮތް ކަންކަމަށް އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއި ސީޝެލްސްގެ ރައީސް ޑެނީ ފޯރގެ ހާއްސަ މަންދޫބު މިސްޓަރ މުހައްމަދު އަފީފާއި މިއަދު މަޝްވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާ ސީޝެލްއަކީ ކުޑަ ޖަޒީރާ ދެ ގައުމުކަމަށްވާތީ ދެގައުމުގައި ހުރި ބައެއް ކަންކަމަކީ ވަރަށް އެއްގޮތް ކަންތައްތަކެއްކަން ފާހަގަ ކުރައްވާފައެވެ.
އެހެންކަމުން އެފަދަ ދާއިރާތަކުން އެއް ގައުމުން އަނެއްގައުމަށް އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އަފީފުގެ ވާހަކަފުޅުގައި ރާއްޖޭގެ ލީޑާޝިޕަށް މިހާރު އައިސްފައިވާ އެދެވޭ ބަދަލު ފާހަގަކުރައްވައި ރާއްޖޭގެ މިހާރުގެ ލީޑާޝިޕާއެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ސީޝެލްސުން ބޭނުންވާކަން ހާމަކުރެއްވިއެވެ. އަދި ސީޝެލްސުން ކަނޑުގެ ނަފާ ހޯދުމުގައި އިސްކަންދެނީ ދެމެހެއްޓެނިވި އުސޫލުތަކަށް ކަންކަން ކުރުމުގެ މައްޗަށްކަމުގައި އަފީފު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިގްތިސޯދީ މަސައްކަތްތަކާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކުގައި އިންޑިޔާ ކަނޑަށް ބަރޯސާވެފައިވާ މިންވަރު ފާހަގަކުރައްވައި އިންޑިއާ ކަނޑުގައި ސަލާމަތާއި ހަމަޖެހުން ގާއިމުވެފައި އޮތުމަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.
އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ސީޝެލްސްގެ ތާއީދު ލިބޭނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ސީޝެލްސްގެ ރައީސް ޑެނީ ފޯރގެ ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ އަރުވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސީޝެލްސްގެ ރައީސަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މިސްޓަރ މުހައްމަދު އަފީފް ރާއްޖެ ވަޑައިގެންވެވިކަމަށްޓަކައި ރައީސް ސޯލިހު ޝުކުރު އަދާކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްވަރާކުރައްވައިފައެވެ.