ޖުޑީޝަލް ސާވިސް ކޮމިޝަން

ގާޒީ މަހާޒުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް 2015ގައި ނިންމި ނިންމުން ރިވިއުކުރަނީ

ޑްރަގް ކޯޓު ގާޒީ މަހާޒު އަލީ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް 2015 ވަނަ އަހަރު ނިންމި ނިންމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރިވިއުކުރުމަށް ނިންމައިފިއެވެ.

ގާޒީ މަހާޒުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވަނީ 21 އޮކްޓޯބަރު 2015ގައި ޖޭއެސްސީންނެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ގާޒީ މަހާޒުގެ މައްސަލަ ރިވިއުކޮށްދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުން ބަލައިގަނެ، އެ ނިންމުން ރިވިއުކުރުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައިފައެވެ.

މަހާޒުގެ މައްސަލަ ރިވިއުކުރުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި ކޮމިޝަންގެ މެމްބަރު، ރައީސް މުހައްމަދު ނަޝީދާއި މެމްބަރު ހިސާން ހުސައިން އާއި މެމްބަރު ޑރ. އަލީ ޝަމީމް އަދި މެމްބަރު އިބްރާހިމް ރިފްއަތެވެ.

އެ ނިންމުން ރިވުއުކުރަން ނިންމައި، ކޮމިޓީއެއް އެކުލަވާލުމުގެ އިތުރުން ދަށު ކޯޓުތަކުން ކޮމިޝަނަށް އައްޔަންކޮށްފައިވާ މެމްބަރުންގެ މުއްދަތު ހަމަވާތީ، އެކަމާމެދު ކޮމިޝަނުން މިއަދު މަޝްވަރާކުރިއެވެ. އަދި ފަނޑިޔާރުންނާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ދެ މައްސަލައެއް ބަލާނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް ވެސް ކޮމިޝަނުން މިއަދު ނިންމާފައިވެއެވެ.