350 ކިލޯގެ ޕިކަޕަށް 24 ގަޑިއިރު މުދާ އުފުލޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މާލެ ތެރޭގައި މުދާ އުފުލޭ ގަޑި ތަކަށް ގެނައި ބަދަލުގެ މައުލޫމާތު މީޑިއާއަށް ދެއްވަމުން މިނިސްޓަރު ނަހުލާ މިއަދު ވިދާޅުވީ މި ބަދަލުތަކަކީ ވިޔަފާރިވެރީންނާއި އާންމުންގެ ވެސް ބޮޑެތި ޝަކުވާތަކެއް މި މައްސަލައިގައި ލިބެމުން އަންނާތީ ގެންނެވި ބަދަލެއް ކަމަށެވެ.
އެގޮތުން 24 ގަޑިއިރު 350 ކިލޯގެ ޕިކަޕަށް މުދާ އުފުލުމުގެ ހުއްދަ ދީފައިވީ ނަމަވެސް، ސްކޫލް ފެށޭ ގަޑީގެ އިތުރުން ނިމޭ ގަޑީގައި މާލެތެރޭގައި ސްކޫލްތައް ހިމެނޭ ސަރަހައްދު ތަކުގައި މުދާ އުފުލާ އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މާލޭގައި ހެނދުނު 09:00 އާއި 11:30 އާއި ދެމެދު ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދަށް މުދާ އުފުލުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި ހެނދުނު 11:30 އިން މެންދުރު 13:30 އަށް 350 ކިލޯއިން ފެށިގެން ދަށުގެ އުނޅަދުތައް ފިޔަވައި އެހެން އުޅަނދުތަކަށް މުދާ އުފުލުން މަނާވާނެ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ކަސްޓަމްސްއިން ނެރެގެން ގެންދާ މުދާ އުފުލަންވާނީ ބޮޑު ތަކުރުފާނު މަގުން ކަމަށް ވެސް ޓްރާންސްޕޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އަދި މެންދުރު 13:30 އިން އަނެއް ދުވަހު ހެނދުނު 6:00 އާއި ދެމެދު ހުރިހާ ކެޓަގަރީއެއްގެ އުޅަނދުތަކަށް ވެސް މާލޭގައި މުދާ އުފުލޭނެ ކަމަށް ޓްރާންސްޕޯޓުން ވަނީ ނިންމައިފަ އެވެ.
ބްރިޖް މަތިން ދެޓަނުން ދަށުގެ މުދާ 24 ގަޑިއިރު އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓުން ވަނީ ދީފައެވެ. އަދި 2.1 ޓަނުން ފެށިގެން މަތީގެ އުޅަނދު ބްރިޖް މަތިން ދުއްވުމަށް ހުއްދަ ދޭ ގަޑިއަކީ ހަވީރު 18:00 އިން ހެނދުނު 6:000 އަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި ސްކޫލް ފެށޭ އަދި ނިމޭ ގަޑި ނޫން ކޮންމެ ގަޑިއެއްގައި ސްކޫލް ސަރަހައްދުން ނޫންގޮތަށް 350 ކިލޯއިން ފެށިގެން ދަށުގެ ޕިކަޕަށް ފެން އަދި ގޭސް އުފުލުމުގެ ހުއްދަ 24 ގަޑިއިރަށް ވަނީ ދީފަ އެވެ.
ހަވީރު 6:00 އާއި ހެނދުނު 6:00 އާއި ދެމެދު ހުރިހާ ކެޓަގަރީއެއްގެ އުޅަނދުތަކަށް ފެނާއި ގޭސް އުފުލޭ ގޮތަށް ގަވައިދަށް ވަނީ ބަދަލު ގެނެސްފަ އެވެ. އަދި ކޮންސްޓްރަކްޝަން މުދަލުގެ އިތުރުން ލަކުޑި، ބިއްލޫރި އަދި ދަގަނޑު އުފުލުމަށް ހުރިހާ ކެޓަގަރީއެއްގެ އުޅަނދަކަށް ވެސް ހުއްދަ ދީފައިވަނީ ހަވީރު 6:00 އާއި ހެނދުނު 6:00 ދެމެދެވެ.