އަންނަ އާދިއްތަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީގެ އޮންލައިން ހިދުމަތް ރަސްމީކޮށް ފެށޭނެ ކަމަށާއި، އެއާއެކު ލައިންސަންސާއި ގުޅޭ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ އެ މިނިސްޓްރީގެ ބައެއް ޚިދުމަތްތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ނަހުލާ ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތްތައް ހޯދުމުގައި އާންމުންނަށް ހުރި ދަތިތައް ވަރަށް ގިނައެވެ. އަދި މިކަމާ ގުޅިގެން ޝަކުވާތައް ލިބެމުން އަންނަ އިރު، ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ކުރީން އޮންނަ ގޮތުން ނަމަ ޚިދުމަތް ހޯދުމަށް ކޮންމެ ދުވަހަކު ވެސް ދޫކުރަނީ 100 ނަންބަރު ކަމަށާއި އެހެން ނަމަވެސް މިހާރު އޮންނާނީ ނަންބަރު ނެގުމަށް ވަކި ވަގުތެއް ހަމައްސާފައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިހާރު ނަންބަރު ދޫކުރާނީ ހެނދުނު 8:00 އިން 11:00 އަށް ކަމަށާއި އެ ވަގުތުގެ ތެރޭގައި ކިތަންމެ ގިނަ ނަންބަރެއް ނަގާފައި ހުއްޓަސް އެ ދުވަހެެއްގެ މަސައްކަތް ހުއްޓައިލާނީ ހުރިހާ ނަންބަރަކަށް ހިދުމަތް ދީފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އާދިއްތަ ދުވަހު ފަށަން ހަމަޖައްސައިފައިވާ އޮންލައިން ސާވިސްއަކީ މި ކަންކަމަށް އިތުރު ހައްލެއް ހޯދައިދިނުމަށް ފަށާ ހިދުމަތެއް ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. އަދި މިއީ ފާއިތުވި ދެމަސްދުވަހުގެ މަސައްކަތް ކަމަށާއި އޮންލައިން ހިދުމަތުގެ އެހީގައި ޕޯސްޓް ޑިއުސް އަދި ލޭޓް ޑިއުސް ވެސް ދެއްކޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ ގަރާޖުގެ ކަންކަން ހަރުދަނާ ކުރުމަށް އުސޫލުތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިހާތަނަށް ހަމަޖެހިފައިވަނީ ގަރާޖު ހުއްދަ ގޭގެ ވެރިފަރާތުން ދޭއިރު ވެރިފަރާތުގެ ފިންގަރ ޕްރިންޓާއެކު ދޭގޮތަށެވެ. މިއީ ޓްރާންސްޕޯޓު އޮތޯރިޓީގައި ރެޖިސްޓްރީވެފައިވާ ކާރެއްގެ މައްސަލަ ޖެހޭ ހިނދު އެ ކާރު ރެޖިސްޓްރީވެފައިވާ ގަރާޖަށް މައްސަލަ ހައްލު ކުރުމަށް ދާއިރު ޒިންމާވާނެ ފަރާތެއް ނުހުންނާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ކަމުން ފިންގަރ ޕްރިންޓް އުސޫލަކާއެކު މިކަން ކުރިޔަށް ގެންދާނެ އުސޫލެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.