ޓެކްސީ މީޓަރު ހަރުކޮށްދިނުމަށް ލަންކާގެ ތިން ކުންފުންޏާއެކު ޖުމުލަ ފަސް ފަރާތަކުން ކުރިމަތިލައިފައިވާ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ނޫސްވެރީންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސްކޮންފަރެންސުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ޓެކްސީ މީޓަރު އެޕްލިކޭޝަން ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން ކުރި އިއުލާނަށް 21 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ޕްރޮޕޯސަލް ހުށަހެޅީ ފަސް ފަރާތަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ މިހާރު ޓެކްސީ ތަކުގައި މީޓަރު ހަރުކުރުމަށްފަހު ނަގާނެ އަގު ވެސް ކަނޑައަޅުއްވާފައިވާ ކަމަށެވެ. ޓެކްސީ މީޓަރު އެޕްލިކޭޝަނާއެކު އަގުތައް އާންމުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޓެކްސީ މީޓަރުތަކުގެ އަގުތައް އާންމު ކުރުން ލަސްވަނީ އެކަމުގައި ވީހާވެސް ގިނަބަޔެއްގެ ހިޔާލު ހޯދުމަށް މަސައްކަތް ކުރާތީ ކަމަށެވެ. މީގެ އިތުރުން ކުރީންވެސް ވިދާޅުވެފައިވާ ފަދައިން ޓެކްސީ މީޓަރުތައް ހަރު ކުރުމަށް ފަހު މިމަހުގެ ފަހުކޮޅަށް ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު މިއަދު ވެސް ދެއްވިއެވެ.
ޓެކްސީ މީޓަރު އެޕްލިކޭޝަން ތައްޔާރު ކުރަނީ ސީދާ ރާއްޖެއަށް އަމާޒުކޮށްކަމަށާއި މި މަސް ނިމުމުގެ ކުރިން ހުރިހާ ކަމެއް ފައިނަލްކޮށް އެއްބަސްވުމުގައި ވެސް ސޮއި ކުރާނެކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. އަދި މި ހިދުމަތް ދިނުމަށް އެއް ފަރާތަށްވުރެ ގިނަ ފަރާތަށް ހަވާލުކުރައްވާނެ ކަމަށާއި އެހެން ހައްދަވަނީ ވާދަވެރިން އުފައްދަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޓެކްސީ ދަތުރުތަކުގެ އަގަކީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާ މައްސަލައެކެވެ. ހުޅުމާލެ އަދި ހުޅުލެއަށް ކުރާ ދަތުރުތަކުގެ އަގު ވަކި ވަރެއްގައި ހިފެހެއްޓުމަށް މީގެ ކުރިންވެސް ސަރުކާރުން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުން އެކަމާ ދެކޮޅުހަދައި، މިހާރުވެސް ޓެކްސީ ކުރަމުން ދަނީ އެމީހުން ބޭނުން އަގުތަކެއްގަ އެވެ.