ވޯލްޑް ހެލްތް އޯގަނައިޒޭޝަން

މައިމީހާގެ ގައިން ދަރިފުޅުގެ ގަޔަށް އެޗްއައިވީ ވާސިލްނުވާ ގައުމަކަށް ދިވެހިރާއްޖެ

މަރިޔަމް ޝަހުދާ

ދިވެހިރާއްޖެއަކީ މައިމީހާގެ ގައިން ދަރިފުޅުގެ ގަޔަށް އެޗްއައިވީ/އެއިޑްސް އަދި ސިފިލިސް އެރުން ނައްތާލެވިފައިވާ ގައުމެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފި އެވެ.

ޑަބްލިއުއެޗްއޯ އިން ރާއްޖެ އަކީ، މައިމީހާގެ ގައިން ދަރިފުޅުގެ ގަޔަށް އެޗްއައިވީ/އެއިޑްސް އަދި ސިފިލިސް އެރުން ނައްތާލެވިފައިވާ ގައުމެއްކަމަށް ކަނޑައަޅައި މިއަދު އެކަމަށް ހާއްސަކޮށްގެން ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ރާއްޖެއަށް ވަނީ ސެޓްފިކެޓެއް ހަވާލުކޮށްފައެވެ. ރާއްޖެއިން މި ސެޓްފިކެޓާ ހަވާލުވެވަޑައިގެންނެވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. ޑަބްލިއުއެޗްއޯގެ ފަރާތުން މި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ޕޫނަމް ކެޓްރަޕަލް ސިންގް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ކާމިޔާބީއަކީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މި ކާމިޔާބީގެ ފަހަތުގައި ވަނީ އާންމު ރައްޔިތުންނާއި އެންމެން އެކުގައި ކުރި މަސައްކަތް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންނަށް ލިބުނު މި ކާމިޔާބީ ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަން ނައިބު ރައީސްގެ ވާހަކައިފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތަކީ މެދުކެނޑުމެއްނެތި ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ކިތަންމެ ކުޑަ ކަމަކުންވެސް ގިނަ ބަޔަކަށް ދަތި ކަމެއް ފާހަގަ ވާނަމަ އެކަން ހޯދައި ބަލައި އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އެކި ކަންކަމުގައި ދެމުން އަންނަ އެއްބާރުލުމަށް ނައިބު ރައީސް ޝުކުރު ދެންނެވިއެވެ.

ރާއްޖެއަކީ މައިމީހާގެ ގައިން ދަރިފުޅުގެ ގަޔަށް އެޗްއައިވީ/އެއިޑްސް އަދި ސިފިލިސް އެރުން ނައްތާލެވިފައިވާ ގައުމެއްކަމުގެ ސެޓްފިކެޓް މި ސަރަހައްދުން ލިބުނު ދެވަނަ ގައުމެވެ. އަދި މުޅި ދުނިޔެއިން މި ސެޓްފިކެޓް ލިބުނު 12 ވަނަ ގައުމެވެ.