ޚަބަރު

އާއްމުންގެ ފަރާތުން ޖޭއެސްސީއަށް ގާބިލް ބޭފުޅަކު ހުށަހެޅުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި

އިބްރާހިމް ޒަކީ

އާއްމުންގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހޮވާ މެންބަރަކީ، ކަމަށް އެކަށޭނަ، ގާބިލް، އަދި އެ ކޮމިޝަންގެ މަސައްކަތްތައް ކުރެއްވޭނެ ފަދަ ބޭފުޅަކަށް ހެދުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިވެހި ރައްޔިތުންގެ ކިބައިން އެދި ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ، އާއްމުންގެ ފަރާތުން ޖޭއެއްސީގައި މިހާރު އިންނެވި މެންބަރު، ގ.އަސްމަހި އަބުދުލް ހައްނާނު އަހުމަދުގެ ދައުރު އަންނަ އޯގަސްޓް މަހުގެ 12 އަށް ހަމަވާނެ ކަމަށެވެ.

އެހެންކަމުން ޖޭއެސްސީގައި އާއްމުންގެ ފަރާތުން އިންނަވާ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި އެކަމަށް ކުރިމަތި ލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވައިލައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކުރިއާ ހިލާފަށް ޖޭއެސްސީގެ މަސައްކަތްތައް މިހާރު ކުރިއަށްގެންދެވޭތޯ ބަލަނީ، ކުރިއަށްވުރެ ގިނައިން، ކުރިއަށްވުރެ ފުންކޮށް، ފުޅާކޮށް ކަމަށެވެ.

އެހެންކަމުން ޖޭއެސްސީގެ މަސައްކަތްތަކުގެ ހަލުވިކަމަށް ބަލައި، ކުރަންހުރި މަސައްކަތުގެ ބޮޑުމިނާއި، ގިނަކަމާއި، މުހިއްމުކަމުގެ މައްޗަށް ބަލައި، އެ ކޮމިޝަނަށް ޝަތުރު ހަމަވާ، ވީހާވެސް ގިނަ ބޭފުޅުންގެ ތެރެއިން ކޮމިޝަންގެ މެންބަރުކަމަށް، ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފުރުސަތު ދެއްވުމަށް ރައްޔިތުންގެ ޝައުގުވެރިކަން ބެހެއްޓުމަށްވެސް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެކަމަށް ފުރުސަތު ދެއްވުމަށްޓަކައި ރައްޔިތުން އެކަމަށް ޝައުގުވެރިކަން ބަހައްޓައި ވީހާވެސް ގިނަ ބައެއްގެ ކައިރީގައި ކޮމިޝަނަށް ކުރިމަތިލުމުގެ ވާހަކަ ދައްގައި ގާބިލް ބޭފުޅުންލައްވައި ކޮމިޝަނަށް ކުރިމަތި ލެއްވުމަށް މަސައްކަތްކޮށްދެއްވުމަކީ މުހިއްމުކަމެއް ކަމަށެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ، އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށެވެ.