ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފުވައްމުލަކު ސިޓީއަށާއި އައްޑޫ ސިޓީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ، ނައިބު ރައީސް ފައިސަލް ނަސީމުގެ މިދަތުރުފުޅުގައި އައްޑޫ ސިޓީ ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރެއްވި ކަމަށެވެ. އަދި އެރަށު މަގުހެދުމުގެ މަޝްރޫއު ކުރިޔަށްދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެމަސައްކަތް ކުރިޔަށްދާ ގޮތް ވެސް ބައްލަވާލެއްވި ކަމަށެވެ.
އަދި އައްޑޫ ސިޓީ ހިތަދުއަށް ވަޑައިގެން ހިތަދޫގެ ބައެއް ސްކޫލްތަކާއި ރީޖަނަލް ހޮސްޕިޓަލާއި ޕަވާހައުސްފަދަ ރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައި ރަށުގެ ހާލަތާއި ކުރިއަށްދާ މަޝްރޫއުތަކާއި ދިމާވާ މައްސަލަތަކާއިބެހޭ ގޮތުން މައުލޫމާތު އެމަނިކުފާނު ހޯއްދެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެއިތުރުން ނައިބު ރައީސްގެ މިދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގެން، ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒާ އަދި އެރަށު ސްކޫލުތަކުގެ ސީނިއާ މެނޭޖްމަންޓާ ބައްދަލުކުރައްވައި ތައުލީމީ ދާއިރާއިން ފުވައްމުލަކު ސްކޫލުތަކުގެ ހުރި ކަންބޮޑުވުންތަކާއި ކުރިޔަށް ރޭވިފައިވާ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވައި ފުވައްމުލަކުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިވާ ޕްލޭންތަކާއި ހުރި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި ބަލިމީހުންނާއި ބައްދަލުކުރައްވައި އެމީހުންގެ ހާލުއަހުވާލު ބައްލަވައިލައްވައިފައި ވެއެވެ. އަދި ފުވައްމުލަކު މަގުހެދުމުގެ މަސައްކަތްކުރިޔަށް ދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެމަސައްކަތް ކުރިޔަށްދާގޮތްވެސް ނައިބު ރައީސްގެ މިދަތުރުފުޅުގައި ބައްލަވައިލައްވައިފައި ވެއެވެ.