ޖުޑީޝަލް ސާވިސް ކޮމިޝަން

އާންމުންގެ ފަރާތުން ޖޭއެސްސީއަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ފަރާތުން މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

އާންމުންގެ ފަރާތުން ޖޭއެސްސީއަށް ކުރިމަތިލުމަށް ހުޅުވައިލައިފައި މިވަނީ އާންމުންގެ ފަރާތުން މިހާރު އެކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި އަބްދުލްހަންނާނުގެ ދައުރު ހަމަވާތީއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އާންމުންގެ ފަރާތުން ޖޭއެސްސީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 24 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުން އެމީހާގެ އައިޑީކާޑުގެ ކޮޕީއާއި ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ މައުލޫމާތު ހިމެނޭ ލިޔުމާއި ކުށުގެ ރެކޯޑު ފޯމު 24 ގެ ކުރިން ޖޭއެސްސީއަށް ހުށަހެޅުމަށް އިއުލާނުގައި ވެއެވެ.

އަދި ޖޭއެސްސީއަށް ކުރިމަތިލާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި ދިވެހި ރައްޔިތަކަށްވުމާއި އުމުރުން 25 އަހަރުވުމާއި ކުށެއް ކުރި ކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުމާއި ބުއްދި ސަލާމަތުން ހުރި މީހަކަށްވުން ހިމެނެއެވެ.

އެ މަގާމަށް މެންބަރަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުންނެވެ.