ޝަހީދާ އަބްދުﷲ ސައީދު
އައްޑޫ ސިޓީގެ އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމަށް ކައުންސިލުން ނައިބު ރައީސާ މަޝްވަރާކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އައްޑޫ ސިޓީއަށާއި ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ ސިޓީ ކައުންސިލަށް ޒިޔާރަތް ކުރައްވައި، ސިޓީ ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފައެވެ.
ރައީސް އޮފީހުން ބުނީ، އައްޑޫ ސިޓީ ކައުންސިލު އިދާރާގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ސިޓީ ކައުންސިލުން އައްޑޫސިޓީގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަން ފާހަގަކުރައްވައި އެކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި އައްޑޫގެ ރައްޔިތުންނަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައެވެ.
ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން ވަނީ އައްޑޫގައި އަލަށް އަޅާ ފްލެޓްތަކާއި ޕޮލިސް އެކަޑަމީގެ އިމާރާތާއި އައު ޓާޝަރީ ހޮސްޕިޓަލު ފަދަ ބޮޑެތި ޕްރޮޖެކްޓްތަކާއެކު ކަރަންޓު ބޭނުން ކުރާ ނިސްބަތް ވަރަށްބޮޑަށް އިތުރުވެގެން ދާނެކަމަށް ލަފާކުރެވޭތީ އައްޑޫ ސިޓީގެ އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނުނިމި އޮތުމާއި އަދި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގުމުގައި އެކަށީގެންވާ މިންވަރަށް ސަރުކާރުގެ އެކިއެކި އިދާރާތަކުން ސިޓީ ކައުންސިލާ މައުލޫމާތު ހިއްސާނުކުރާ ކަމުގެ ކަންބޮޑުވުން ސިޓީ ކައުންސިލުން ފާޅުކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ބޮޑެތިމަޝްރޫއުތަކެއް އައްޑޫއަށް ވިލަރެސްކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުގެ އިދާރާތަކުން ކަންކަން ނިންމުމުގައި ކައުންސިލްތަކާ އަދި ރައްޔިތުންގެ ޚިޔާލާއެކު ކުރިޔަށް ގެންދިއުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.
އޭގެ އިތުރުން ނައިބު ރައީސް ފައިސަލް ވަނީ އައްޑޫ ހައިސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލުގެ ދަރިވަރުންނާ އަދި ޓީޗަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން ސްކޫލު ކުދިން ގަދައަޅައި ކިޔެވުމަށް މަސައްކަތްކުރުމަށާއި ގައުމުގައި ހިނގާކަންކަމުގެ މައުލޫމާތު ހޯދައި އެކަންކަމަށް ލޯހުޅުވިފައި ތިބޭ ބަޔަކަށް ވުމަށް ކިޔަވާކުދިންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.
އެމަނިކުފާނު ހިތަދުއަށް ކުރެއްވި މި ޒިޔާރަތުގައި ހިތަދޫ ހިރާ ސްކޫލާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ހިތަދޫ އިންޖީނުގޭގެ އިތރުން އެމްޓީސީސީގެ މަސައްކަތްތައް ކުރިޔަށްގެންދާ ސައިޓަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މަސައްކަތްތައް ވަނީ ބައްލަވައިލައްވައިފައެވެ.