2023ގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވުމަށް ގިނަ ގައުމުތަކުގެ ރުހުމާއި ތާއީދު ވަނީ ކަށަވަރުވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދަޅުވެފައިވަނީ އައިއޯއައިޖީ 2019 އަށް ރާއްޖެ ތަމްސީލު ކުރުމަށް ދާ އެތުލީޓުން ފުރުމުގެ ކުރިން އެ އެތުލީޓުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން 2023ގައި ބާއްވާ އައިއޯއައިޖީއަށް ކުޅުންތެރިން ތައްޔާރު ކުރުމުގެ މަސައްކަތް މިއަހަރުގެ މުބާރާތް ނިމުމާއެކު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ ހަތަރު އަހަރުގެ ތަމްރީނު ޕްރޮގްރާމަކަށް ވާނެ ކަމަށެވެ.
މިއަހަރު ރާއްޖެއިން އައިއޯއައިޖީގައި މުޅިން އަލަށް ދެ ކުޅިވަރެއްގައި ބައިވެރިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެއީ ކައިޓް ސާފިން އަދި ޕެރަ އިވެންޓެވެ. މީގެ އިތުރުން މިއަހަރުގެ މުބާރާތަކީ ރާއްޖެއިން ގިނަ އަދަދެއްގެ ޒުވާން އަދި އުންމީދީ ކުޅުންތެރިންތަކެއް ބައިވެރިވާކަމާއި އެންމެ 12 އަހަރުގެ އެތުލީޓުން މިފަހަރުގެ އައިއޯއައިޖ/ިގައި ރާއްޖެ ތަމްސީލު ކުރާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
އެތުލީޓުންނާ މުހާތަބުކޮށް އެ އެތުލީޓުންނަށް ލިބޭ ކޮންމެ ކާމިޔާބަކީ ގައުމަށް ލިބޭނެ މަތިވެރި ފަހުރަކާއި ޝަރަފަކަށް ވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުބާރާތަށް ގޮސް އުޅޭއިރު ރީތި އަހުލާގުގެ އެންމެ މަތީ މިންގަނޑުގައި ހިފެހެއްޓުމަށް ރައީސް ކުޅުންތެރިންގެ ކިބައިން އެދިލެއްވި އެވެ.
ރައީސް ވިދާޅުވީ ކުޅުންތެރިން ތަމްރީން ކުރުމަށް ބޭނުންވާ ބަޖެޓް އެސޯސިއޭޝަންތަކަށް ހަމަޖައްސައިދީފައި ވާނެ ކަމަށާއި ސައުކާރުން އިސްކަން ދެނީ ކުޅިވަރުގެ މައިދާނުގައި ކުޅުންތެރިންތަކެއް އުފެއްދުމުގެ އިތުރުން ހުނަރުވެރި ގާބިލް، އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ.
މި ރަސްމިއްޔާތުގައި އައިއޯއައިޖީގައި ރާއްޖެއިން ބޭނުންކުރާ ރަސްމީ ކިޓް ރައީސް ސޯލިހުއަށް އަރުވާފައިވެއެވެ.