ޚަބަރު

އަދީބު މިނިވަން ވެއްޖެ

ކޮރަޕްޝަނާއި ޓެރަރިޒަމްގެ ބޮޑެތި ތުހުމަތުތަކެއްގައި ބަންދުކޮށް، ބައެއް މައްސަލަތަކުގައި ހުކުމް އިއްވި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރު މިނިވަން ވެއްޖެއެވެ.

އަދީމު މިނިވަންވެފައިވާކަން ހާމަކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ ކޯޑިނޭޓަރ އަހުމަދު ނަސީމް "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، އަދީބުގެ މައްޗަށް އެއްވެސް ބަންދެއް މިވަގުތުނެތް ކަމަށާއި އެހެންކަމުން އޭނާ މިހާރު ހުންނެވީ ކޮރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.

ކޮރަޕްޝަނާއި ޓެރަރިޒަމްގެ ބޮޑެތި ތހުމަތުތަކެއްް އަދީބުގެ މައްޗަށް ކޮށްފައިވާއިރު، އެފަދަ ބައެއް މައްސަލަ ތަކުގައި ދައުވާކޮށް އޭނާގެ މައްޗަށް ބައެއް މައްސަަ ތަކުގައި ހުކުމްވެސް އިއްވިއެވެ. ނަމަވެސް ކޯޓުގެ އެކި މަރުހަލާ ތަކުގައި އެ ހުކުމްތައްވަނީ ބާތިލް ކޮށްފައެވެ.

އޭގެ ތެެރެއިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ދަށުން ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ކަމަށްބުނާ ފަސް މިލިއަން ޑޮލަރުގެ މައްސަލައެއްގައި، 2016 ވަނަ އަހަރުގެ ޖޫން މަހުުގެ 23 ގައި، ދަށު ކޯޓުން އަދީބުގެ މައްޗަށް، އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.

ނަމަވެސް މިއަހަރުގެ މެއިމަހުގެ ތެރޭގައި، ހައިކޯޓުން ކުރި ހުކުމަކުން އަށް އަހަރު ދުވަހުގެ އެ ހުކުމް ބާތިލް ކުރުމަށްފަހު، އެ މައްސަލަ އަލުން ބަލަން ހުކުމްކުރިއެވެ.

ފިސްތޯލައެއް ގެންގުޅުނު ކަމަށް އަދީބުގެ މައްޗަށް ކުށް ސާބިތުވެ 2016 ވަނަ އަހަރުގެ ޖޫން 5 ގައި 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް ހުކުމް ކުރިއެވެ.

ނަމަވެސް މިއަހަރުގެ މެއިމަހުގެ ތެރޭގައި 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ޓެރަރިޒަމްގެ ކުށުގައި ވެސް އަދީބުުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. އެ ޖަލު ހުކުމް ބާތިލުކޮށް، އަލުން އެމައްސަލަ ބެލުމަށް ހައި ކޯޓުން ހުކުމްކޮށްފައިވަނީ ވެސް ހަމަ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ.