ނޭޕާލްގެ ބޮޑުވަޒީރު ޝަރްމާ އޮލީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ސޯލިހު ނޭޕާލްގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައިވަނީ ނޭޕާލްގެ ބައެއް ހިސާބުތަކަށް ދިމާވި ބިންގަނޑު ކަނޑައިގެން ދިޔުމާއި ފެންބޮޑުވުމުގެ ހާދިސާގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވުމުގެ އިތުރުން އާންމުންގެ ގެދޮރަށާއި ގައުމުގެ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ސަބަބުން ނެވެ.
ނޭޕާލްގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ ނޭޕާލަށް ދިމާވެފައިވާ ހިތާމަވެރި ހާދިސާގެ ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި ނޭޕާލަށް ކުރިމަތިވެފައިވާ ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ރާއްޖެގެ ރައްޔިތުންނާއި، ދިވެހި ސަރުކާރާއި ރައީސްގެ އަމިއްލަ ނަންފުޅުގައި ނޭޕާލްގެ ރައްޔިތުންނާއި ސަރުކާރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާކަމަށް މި މެސެޖުގައި ރައީސް ވިދާޅުވިއެވެ.
މި ހާދިސާގައި ނޭޕާލަށް ދިމާވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ކާމިޔާބު ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.