މަތީ ތައުލީމަށް، ދޫކުރާ މިއަހަރުގެ ލޯން ސްކީމުން ބާކީ ހުރި ފުރުސަތުތަކަށް ލޯނު ދޫކުރާނެ ފަރާތްތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކަނޑައަޅައި އިއުލާނު ކޮށްފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނިއުސް ކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، މިފަހަރު ކަނޑައަޅާފައި މިވަނީ، މިއަހަރުގެ މާރޗު މަހުގެ ލޯން ސްކީމުގެ ދަށުން މިހާތަނަށް މީހުން ކަނޑައަޅާފައި ނުވާ 163 ޖާގައަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ހުސްވި ޖޫން މަހުގެ 11 އިގެ ނިޔަލަށް މި ލޯން ސްކީމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލިއިރު، ލޯނަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ ވަރަށް ގިނަ އެޕްލިކޭޝަންތައް ހުށައަޅާފައިވާ ކަމަށެވެ.
އަދި މި ފުރުސަތު ހަމަވިއިރު 960 ފަރާތަކުން ލޯނަށް އެދި ހުށައަޅާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަޔައެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި ލޯނުގެ ބާކީ ހުރި 163 ޖާގައިގެ ތެރެއިން 84 ޖާގަ ހާއްސަކުރީ، ކިޔަވަން ފަށާ ދަރިވަރުންނަށެވެ. ބާކީ އޮތް 79 ޖާގަ ހާއްސަ ކޮށްފައިވަނީ، ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ލޯން ސްކީމަށް ފުރުސަތު ހުޅުވައިލީ، މިއަހަރުގެ މާޗް މަހުގައެވެ. އެއީ 242 ޖާގަ އަށެވެ. އެ ފުރުސަތުގައި، 900 އަށްވުރެން ގިނަ ފަރާތްތަކުން ލޯނަށް އެދި ހުށަހެޅި ނަމަވެސް އޭގެ ތެރެއިން ލޯނު ކަށަވަރުވީ 79 ދަރިވަރުންނަށެވެ.
ހުސްވި ޖޫން މަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތަކީ، އެފަހަރު ހުޅުވާލި 242 ލޯނު ފުރުސަތުގެ ތެރެއިން ބާކީހުރި 163 ޖާގައަށް ހުޅުވާލި ފުރުސަތެކެވެ.