މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

މާލޭގައި ހުރި އިލެކްޓްރޯނިކް ޕާކިންގް ސިސްޓަމްތައް ނަގައި ޕާކިން ޒޯންތަކަށް ބަދަލުކުރަންފަށައިފި

މަރިޔަމް ޝަހުދާ

މާލޭގައި ހުރި ޕާކިންގް ސިސްޓަމްތައް ނަަގައި ޕާކިން ޒޯން ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓަކްޗާއިން ބުނެފިއެވެ.

ޕްލޭނިންގް މިނިސްޓްރީގެ މީޑިއާ އޮފިޝަލެއް ''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭގައި ހުރި ޕާކިންގް ސިސްޓަމްތައް ނަގައި އެސަރަހައްދުތައް ޕާކިން ޒޯންތަކަށް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ހ. ހީނާމާގޭގައި ބަހައްޓާފައިވާ ޕާކިންގް ސިސްޓަމް ނެގުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށާއި މާލޭގައި ހުރި އެހެން ޕާކިންގް ސިސްޓަމްތައްވެސް އަވަސް މުސްތަގުބަލެއްގައި ނަގާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކުރީގެ ސަރުކާރުން މެކޭނިކަލް ޕާކިންގް ސިސްޓަމްތައް ގާއިމް ކުރަން ނިންމައި އެމަސައްކަތް ހިންގާފައިވަނީ އެކަށީގެންވާ ވަރަށް ދިރާސާ ނުކޮށްކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މެކޭނިކަލް ޕާކިންގް ސިސްޓަމްތައް މިހާރު ގާއިމްކޮށްފައިވާ ގޮތަށް އޮޕަރޭޓް ކުރަން ފެށުމަކީ ޕާކިންގް މައްސަލަތަކައް ލުޔެއް ލިބިދޭނެ މަގުން ހަދާފައިވާ މަޝްރޫއެއް ކަމަށް ނުބެލެވޭ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ. މާލޭގައިވާ ޕާކިންގް ސިސްޓަމްތައް ނެގުމުގެ މަސައްކަތް ފަށާފައިވާއިރު ހުޅުމާލޭގައި ބަހައްޓާފައިވާ މެކޭނިކަލް ޕާކިންގް ސިސްޓަމްތައް ނެގުމަށް ހަމަޖެހިފައި ނުވާ ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ހީނާމާގޭގައި ގާއިމުކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމް ނެގުމަށްފަހު އެތަނުގައި އާންމުންނަށް ޕާކު ކުރެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށް މިދިޔަ އަހަރު ޑިސެމްބަރު މަހު ތެރޭ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައި ވެއެވެ. ނަހުލާ ވިދާޅުވީ ޕާކިން ސިސްޓަމް އަކީ ރައްޔިތުންނަށް ކަމުދާ އެއްޗެއް ނޫން ކަމަށް ރައްޔިތުންގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެތަނުން ޕާކިންގް ސިސްޓަމްތައް ނަގައި އެހެން ގޮތަކަށް ޕްލޭން ކުރަން ޖެހޭ ކަމަށް ނަހުލާ ވިދާޅުވެފައި ވެއެވެ.

ކުރީގެ ސަރުކާރުން މާލޭގެ އެކި ސަރަހައްދުގައި ޕާކިންގް ސިސްޓަމް ބެހެއްޓުުމަށް ނިންމާފައިވަނީ މާލެއަށް ދިމާވެފައިވާ ޕާކް ކުރުމުގެ ދަތިތަކަށް ހައްލެއް ގެނައުމަށެވެ. އެގޮތުން މާލޭގައި ކާރު ޕާކުރުމުމަށް 10 ޕާކިންގް ސިސްޓަމާއި ސައިކަލު ޕާކް ކުރުމަށް 10 ސިސްޓަމް ގާއިމް ކުރުމަށް ނިންމައި މިދިޔަ ސަރުކާރުން އެމަސައްކަތް ވަނީ ފަށައިފައެވެ. މި މަޝްރޫއަށް ކުރީގެ ސަރުކާރުން 59 މިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދުކޮށްފައިވެއެވެ. ނަމަވެސް މިތަނުން އެއްވެސް ސިސްޓަމެއްގެ ބޭނުން ހިފޭގޮތް ވެފައެއް ނުވެއެވެ.