ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު މިހާރަށް ވުރެ ފުޅާކުރާން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ. ދުންޔާ މިހެން ވިދާޅުވީ އޭނާ ދާދި ދެންމެ ކުރެއްވި ޓުވީޓެއްގަ އެވެ.
ދުންޔާގެ ޓުވީޓުގައި ވިދާޅުވީ ގައުމު ތަރައްގީ ކުރުމާއި ސުލްހަ ގާއިމުކުރުމުގައި އަންހެނުންގެ ދައުރު މުހިންމު ކަމަށް ދިރާސާތަކުން ވެސް ދައްކާ ކަމަށެވެ.
ދުންޔާ ވަނީ ޕީޕީއެމްގެ ހުރިހާ ކަނބަލުންވެސް އެބޭފުޅުންގެ ބާރުވެރިކަން ހޯއްދެވުމަށް ރައީސް މައުމޫނުގެ ފަހަތްޕުޅަށް އަރައިވަޑައިގެންނެވުމަށް ގޮވައިލައްވައިފި އެވެ.
"މި ހަމަހަމަކަން ގެނެސްދެވުމުގައި ރާއްޖޭގެ ހަގީގީ ޗެމްޕިއަން އަކީ ރައީސް މައުމޫން." ދުންޔާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ދުންޔާ އަކީ ޕީޕީއެމްގެ "ޕްރޮގްރެސިވް ވުމެންސް މޫވްމެންޓް" ގެ އިންތިޚާބީ ލީޑަރެވެ.
ޕީޕީއެމްގެ ހުރިހާ ކަނބަލުން އެޕާޓީގެ އިންތިޚާބީ ރައީސް، ރައީސް މައުމޫނުގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމަށް ދުންޔާ ގޮވައިލެއްވި އިރު އެ ޕާޓީގެ ލީޑަރޝިޕު ކަނޑައެޅުމުގެ މައްސަލަ އޮތީ ކޯޓު މަރުހަލާގަ އެވެ. ޕާޓީގެ މުސްތަޝާރު ރައީސް ޔާމީންގެ ލީޑަޝިޕުގެ ދަށުން ބޭއްވި އެޕާޓީގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. ޕާޓީގެ ލީޑަޝިޕު ރައީސް މައުމޫނާ ހަވާލުކުރުމަށް އެޕާޓީގެ އަމިއްލަ މެންބަރަކު ސިވިލް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައިގެ އެއް އަޑުއެހުން ނިމިފައި ވަނިކޮށް އެ މައްސަލައިގެ ފައިލްތައް ވަނީ ސުޕްރީމް ކޯޓަށް ގެންގޮސްފަ އެވެ.