އިބްރާހިމް ޒަކީ
މިރޭ މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ބޯ ފަޅައިގެން ގޮސް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެއެވެ.
މި އެކްސިޑެންޓްގައި ޒަހަމްވި ދެވަނަ މީހާގެ މޫނުމަތި ވަނީ ވަރަށްބޮޑަށް ޒަހަމް ވެފައެވެ.
މިރޭ 1:15 އެހާކަންހާއިރު މި ނުރައްކާތެރި އެކްސިޑެންޓް ހިނގީ މަޖިދީމަގުން ޒިކުރާ މިސްކިތް ކައިރީގައެވެ. ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށްވެސް އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންނެެވެ.
ނަމަވެސް އެދެމީހުންގެ ހާލަތާބެހޭ އިތުރު ތަފްސީލެއް އަދި ލިބިފައެއްނުވެއެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ދިވެއްސަކަށާއި ބިދޭސީ އަކަށެެވެ.
ޕީއެސްއެމް ނިއުސްއިން ބުނީ، މި އެކްސިޑެންޓްގައި ބޯ ފަޅައިގެންގޮސް ޒަހަމްވި ދިވެހި މީހާއަކީ ޕީއެސްއެމް ނިއުސްގެ ވީޑިއޯ ޓެކްނީޝަނެއް ކަމަށްވާ މުޙައްމަދު ސުހާން ކަމަށެވެ.
އޭނާގެ ބޮލަށާއި ކަނދުރާގެ އިތުރުން އަތަށްވެސް އަނިޔާވެފައިވާ ކަމަށް ޕީއެސްއެމުން ބުނެފައިވެއެވެ. އޭނާއަށް އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގެ ކްރިޓިކަލް ކެއަރގައި ފަރުވާދެމުން އަންނަ ކަމަށްވެސް ޕީއެސްއެމުން ބުނެއެވެ.
މި އެކްސިޑެންޓުގައި މޫނު ޒަހަމްވެފައިވަނީ ބިދޭސީއެއްގެ އެވެ.