ޚަބަރު

ގާނޫނީ ވަކީލުކަމަކީ އިތުބާރުހިފޭ، ވަފާތެރިންގެ މަސައްކަތަކަށް ހަދަންޖެހޭ: ޕީޖީ

ގާނޫނީ ވަކީލު ކަމަކީ އިތުބާރުހިފޭ، އަދި ވަފާތެރިންގެ މަސައްކަތަކަށް ހަދަންޖެހޭ ކަަމަށް ޕްރޮސިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ގާނޫނީ ވަކީލުންނާބެހޭ ހުރިހާ ކަމެއް ހިންގުމަށް، ރާއްޖޭގައި އުފައްދާ ފުރަތަމަ ބާ ކައުންސިލް އިންތިހާބާ ގުޅިގެން ކުރެއްވި ފޭސްބުކް ޕޯސްޓެގައި ޕީޖީ ބިސާމް ވިދާޅުވީ މިއަދަކީ ރާއްޖޭގެ ގާނޫނީ ފަންނަށް ތާރީހީ ދުވަހެއް ކަމަށެވެ.

އަދި އެއްވެސް ފަންނަކީ ދެގޮތެއް ނުވެ އެއްގޮތެއްގައި އަބަދު އޮންނާނެ ފަންނެއް ނޫން ކަމަށާއި، ވަކީލުކަމަކީ އިތުބާރު ހިފޭ، ބަރޯސާވެވޭ، ޝަރަފުވެރި އަދި ވަފާތެރިންގެ މަސައްކަތަކަށް ހަދަންޖެހޭ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ޕީޖީގެ ޕޯސްޓްގައި ބާ ކައުންސިލްގެ އިންތިހާބުގައި ހޮވޭ ވަކީލުންނަށް މަރުހަބާ ވިދާޅުވެ، ސާބިތު ކަމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވެއެވެ.

މިއަދު ބޭއްވި ބާ ކައުންސިލް އިންތިހާބުގެ ވޯޓު ގުނަމުންދާއިރު، ބާ ކައުންސިލްގެ ރައީސް ކަމުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ގޮތްނޭނގޭ މަރުތައް ދިރާސާ ކުރާ ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނާއިބު ހުސްނު ސުއޫދާ ވާދަ ކުރައްވައިގެން، ބާ ކައުންސިލްގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވަނީ، މަޝްހޫރު ގާނޫނީ ވަކީލު މައުމޫނު ހަމީދެވެ.