ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ގދ. ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިނަދޫގައި ކުރިއަށް ގެންދާ ރުއް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، މިއީ އެރަށުގެ ކުރީގެ ރަށު ކައުންސިލް މެންބަރު ސައުދު އަލީ، ރަށުގައި ގަސްއިންދުމަށް ހިންގަވާ ޕްރޮގްރާމުގެ ދަށުން ތިނަދޫ ފެހިކުރުމާއި ރަށުގެ ހޫނު މަޑުކުރުމާއި ރަށުގެ ފުއްޓަރު ފަރާތުގައި ދިރިއުޅޭ މީހުންގެ ގެތަކަށް ކުރާ ލޮނުގެ އަސަރު ކުޑަކުރުމުގެ މަގުސަދުގައި ސައުދު އަލީ އަމިއްލައަށް އިސްނަންގަވައިގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
ރަށުގެ ހުޅަނގުފަރާތުގައި ރުއް އިންދުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ރައީސް ސޯލިހު ރުއް އިންދައިވައިދެއްވީ މިއަދު ހެނދުނުއެވެ. މި ޕްރޮގްރާމުގެ ދަށުން ގަސް އިންދުމުގެ ފުރުސަތު ދެއްވުމުގައި އިސްކަން ދެއްވަނީ ކުޑަކުދިންނާއި މައިން ބަފައިންނާއި ރަށަށް ޒިޔާރަށް ކުރައްވާ އިއްޒަތްތެރިންނަށެވެ.
ސައުދު އަލީ ހިންގަވާ މި ޕްރޮގްރާމްގެ ތެރޭގައި ގަސް އިންދުމަށް ޝައުގުވެރިކަން އިތުރުކޮށް މީހުން ހޭލުންތެރި ކުރުވުންވެސް ހިމެނެއެވެ. މި ޕްރޮގްރާމްގެ ދަށުން ރުކާއި އެކި ބާވަތުގެ ގަސް ހިމެނޭ ގޮތުން މިހާތަނަށް ފައްސަތޭކައެއްހާ ރުއްގަސް އިންދާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވި ފިޝަރީޒު މިނިސްޓަރު ޒަހާ ވަހީދުވެސް މިއަދު ވަނީ އެސަރަހައްދުގައި ރުކެއް އިންދަވައިދެއްވައިފައެވެ.