އިބްރާހިމް ޒަކީ
"ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދިއަށް އިއްޔެ ކުރެއްވި ޒިޔާރަތުގެ ތެރެއިން ގދ. ތިނަދޫ ޑޮކްޓަރ އަބްދުލް ސަމަދު ހޮސްޕިޓަލަށް މިއަދު ޒިޔާރަތް ކުރައްވައި، އެތަނުގައި ތިބި ބަލިމީހުންގެ ހާލު ބައްލަވައިލައްވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ތިނަދޫ ޕަވަރ ހައުސްއަށް މިއަދު ވަޑައިގެން އެތަންވެސް ބައްލަވައިލައްވާފައިވާ ކަމަށެވެ.
އެކި ކަންކަމުގައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ސަރުކާރުން ކުރިޔަށް ގެންދަވާ "ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިން ތިނަދޫ ގައި ރޭ ބޭއްވި ބައްދަލުވުމުގައި މަސްވެރިކަމުގެ ދާއިރާތަކުގެ ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުން ދެންނެވި ސުވާލުތަކަށް ޖަވާބު ރައީސުލް ޖުމްހޫރިއްޔާ ވަނީ ޖަވާބު ދެއްވައިފައެވެ.
އެދާއިރާއިން ރައްޔިތުން ފާހަގަ ކުރި ކަންބޮޑުވުންތަކަށް ގެނެވެން އޮތް ހައްލުތައް ގެނަސްދެއްވާނެ ކަމަށާއި، އެ ދާއިރާގެ ކަންކަން ރަނގަޅުކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައުލުމާތުވެސް އެ ބައްދަލުވުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ހިއްސާ ކުރައްވައިފައެވެ.
ސަރުކާރުގެ މަސްވެރިކަމާބެހޭ ދާއިރާގެ ސިޔާސަތުތަކަށް މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ރޭ ބޭއްވެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަދި މި ބައްދަލުވުމުގައި މަސްވެރިންގެ ފަރާތުން ހުށަހެޅި ބައެއް ސުވާލުތަކަށް މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަހީދު އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވެސް ބައިވެރިވެ ވަޑައިގެން ބައެއް ސުވާލުތަަކަށް ޖަވާބު ދެއްވިއެވެ.