ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީރާއިން ބައެއް ކަންތައް ކުރަނީ ގާނޫނުގެ އިމުގެ ތެރެއިންނޭ ދަންނަވަންދަތި: ރައީސް

އިބްރާހިމް ޒަކީ

2

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބައެއް ކަންތައްތައް ކުރަނީ ގާނޫނީ އިމުން ތެރެއިންކަމަށް ދަންނަވަން ދަތިކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެކި ކަންކަމުގައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ސަރުކާރުން ކުރިޔަށް ގެންދަވާ "ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިން މަސްވެރިކަމާބެހޭގޮތުން ގދ. ތިނަދޫ ގައި ރޭ ބޭއްވި ބައްދަލުވުމުގައި މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މީރާއިން އިތުރު ގަވާއިދުތައް ހަދައިގެން ބައެެއް ފަރާތްތައް ޖޫރިމަނާކޮށް، ކަންތައް ކުރަމުން ގެންދާކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ.

އަދި މިނިވަން މުއައްސަސާއަކަށް ވިޔަސް މީރާއިންވެސް މަސައްކަތް ކުރަންޖެހޭނީ، ގާނޫނީ އިމުގެ ތެރޭގައި ގާނޫނާ އެއްގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިހާރުވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އޭގެ ތެރެއިން ބައެއް ކަންތައްތައް ކުރައްވަމުން އެގެންދަވަނީ ގާނޫނުގެ އިމުގެ ތެރެއިންނޭ ސީދާ ދަންނަވަން އަޅުގަނޑަށް އުނދަގޫ، އިތުރު ގަވާއިދުތައް ހަދައިގެން ބައެެއް ފަރަތްތައް ޖޫރިމަނާކޮށް ކަންތައް ކުރަމުން ގެންދާކަން އަޅުގަނޑުމެންނަށް އެބަ ގަބޫލު ކުރެވޭ. އެހެންވީމާ އެހެން ނުހަދައި މީރާއިންވެސް ގާނުނީ އިމުގެ ތެރޭގައި ގާނޫނާއެއް ގޮތަށް ކަންތައްތައް ކުރެއްވުމަކީ އަޅުގަނޑު ހަމަ ގައިމުވެސް އެދޭކަމެއް. އެއީ މިނިވަންމުއައްސަސާއެއް، އެހެންވިޔަސް ގާނޫނެއްގެ ތެރެއިިން އަތުވެއްޖެއްޔާ ގާނޫނުގެ ތެރެއިން އެ މަސައްކަތް ކުރައްވަން ވާނީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މީރާގެ ވާހަކައަކީ ރިޔާސީ އިންހާބުގެ ތެރޭގައިވެސް އެންމެ ގިނައިން ދެއްކި އެއްވާހަކަ ކަމަށެވެ. އަދި ޓެކްސް ނިޒާމުގެ ގާނޫނަށް ބަދަލުތަކެއް ގެނެސް އެކަހަލަ ކަންތައް ނުވާނެ ގޮތެއް ހެދުމަށް އެ ގާނޫނު ބަދަލުކޮށް އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަނާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް ދައުރުތެރޭގައި އެއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާަޅުވިއެވެ.

"މީރާގެ ވާހަކަ އަކީ އިލެކްޝަން ތެރޭގައިވެސް އަޅުގަނޑުމެން އެންމެ ގިނައިން ދެއްކި އެއްވާހަކަ. ޖޫރިމަނާ މައްޗަށް ޖޫރިމަނާވެގެންގޮސް ފިހާރަ ތަކާއި ބައެއް އާއްމު ރައްޔިތުން ދަރައި ވިކިފަހުރި ވާހަކަ، ޓެކްސް ނިޒާމަށް، ގާނޫނަށް ބަދަލުތަކެއް ގެނެސް އެކަހަލަ ކަންތައް ނުވާނެ ގޮތެއް ހެދުމަށް އެ ގާނޫނު ބަދަލުކޮށް، އިސްލާހުތައް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން އެބަގެންދަން. އިރާދަ ކުރެއްވިއްޔާ ކުރިއަށްއޮތް ދައުރުތެރޭގައި އިސްލާހު ކުރަން އަޅުގަނޑުމެން ހުށަހަޅާނަން،" ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟