ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، ދެ ކުނުގެ އަތޮޅެއްގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށްކުރި ރިޕޯޓަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރު ކޮށްފައިވަނީ، އިއްޔެ ކަމަށާއި، އޭނާ ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމުން، އެކަމުގެ ތަހުގީގު ކުރިއަށް ގެންދަން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެމީހާ ބަންދުގައި ބަހައްޓަން 5 ދުވަސް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި މައްސަލަ، ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަ ތަކަކީ، ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ބަލަމުންގެންދާ މައްސަލަ ތަކެކެވެ.
އެހެންކަމުން އެފަދަ އަނިޔާ ލިބޭ ކުދިންނާބެހޭ އަމިއްލަ މައުލޫމާތުތައް ފުލުހުން ހާމައެއް ނުކުރެއެވެ.