މިއަދު ކުރިއަށް ދާ ބާ ކައުންސިލް އިންތިހާބު ނިމި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބާ ކައުންސިލް އުފެދިގެން ދާތީ، ރާއްޖޭގެ ޤާނޫނީ ހަޔާތުގައި މިއަދަކީ ތާރީހީ ދުވަހެއް ކަމަށް އެޓާނީޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ބާ ކައުންސިލް އިންތިހާބާހެގޭގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައި އެޓާނީ ޖެނެރަލް ވިދާޅުވީ، ދިގު އިންތިޒާރަކަށްފަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެދޭ ބާ ކައުންސިލް މިއަދު ހަޤީޤަތަކަށްވެގެންދާނެ ކަމަށެވެ.
އަދި ވަކީލުންނަކީ ނަޒާހަތްތެރި، ޤާބިލް އަދި ޖަވާބުދާރީވާ ބަޔަކަށްވުމަކީ، ޤާނޫނީ ފަންނުގެ ހުނަރު އިތުރުވެ، އިތުބާރު ގައިމުވެގެން ދިއުން ކަމަށްވެސް އޭޖީ ވިދާޅުވެފައިވެއެވެ.
މިއަދު ކުރިއަށްދާ ބާ ކައުންސިލް އިންތިހާބުގައި މިއަދު ހެނދުނު 9:00 ގައި ވޯޓުލާން ފަށާފައިވާއިރު އިންތިހާބުގައި ވޯޓުލައި ނިމޭނީ ހަވީރު 5:00 ގަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލާނިމި މިއަދު 5:30 ގައި ވޯޓު ގުނަން ހަމަޖެހިފައިވާއިރު ވަގުތީ ނަތީޖާ ވެސް މިއަދު އިއުލާންކުރާނެ ކަމަށެވެ. އަދި ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަނުން ބުންޏެވެ.
ބާ ކައުންސިލް އިންތިހާބުގައި ވޯޓްލުން ކުރިއަށް ދަނީ މާލެ އާއި އައްޑު ސިޓީ ހިތަދޫގައެވެ.
މިއިންތިހާބުގައި ބާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަނީ ގާނޫނީ ވަކީލު ހުސްނުއްސުއޫދާއި ގާނޫނީ ވަކީލު މައުމޫން ހަމީދެވެ.
ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.
އޭގެ އިތުރުން އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކު ކުރިމަތިލެއްވިއެވެ.