މާލޭގައި ޒުވާނެއްގެ ކަރަށް ވަޅި ހަރާ ޒަހަމްކޮށްލައިފިއެވެ.
"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ގްރޫޕަކުން ހިންގި އެ މާރާމާރީ ހިނގާފައިވަނީ ޖަނަވަރީ މަގު ވެލިގާ ހާޑްވެއާ ސަރަހައްދުގައެވެ. އަދި ހާދިސާގައި ޒަހަމްވި ޒުވާނާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި، ވަޅި ޖެހުމުގައި ހަރަކާތްތެރިވި ބަޔަކު އެ ސަރަހައްދުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ޒަހަމްވި ޒުވާނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އަދި އެނގިފައިނުވާ އިރު، އެ މައްސަލައާ ގުޅިގެން ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް، އެ ސަރަހައްދުގައި ތިބި މީހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ ވަޅިޖެހި މީހުންގެ ތެރެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ދާދިފަހުންވެސް މާލޭގައި ވަޅި ޖެހުމުގެ ގިނަ މާރާމާރީތަކެއް ހިނގާފައިވެއެވެ. އެގޮތުން ޖުމްހޫރީ މައިދާނު ސަރަހައްދުން ވަޅި ހެރި ޒުވާނެއް ނިޔާވެފައިވެސް ވެއެވެ.