ޝަހީދާ އަބްދުﷲ ސައީދު
އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރުމުން މިހާތަނަށް ލިބުނު ގެއްލުން 450 މިލިއަނަށް އަރާފައިވާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫގައި ރޭ ބޭއްވި ''ޖަޒީރާ ހޮޅުއަށި'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ކުރީގެ ސަރުކާރުގައި މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުރީ އެސްޓީއޯ އިން ބޭނުންވެގެން ނޫން ކަމަށާއި މިފްކޯ ދަރަނިވެރިވެ ސަލާމަތްނުވާ ހިސާބަށް ދިއުމުން ކަމަށެވެ.
އަމްރު ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިފްކޯއަށް އަށް ދޫކުރާ ތެޔޮ މަސްވެރިންނަށް ވިއްކުމަށް ފަހު އެ ފައިސާ ވެސް ނުލިބޭ ކަމަށާއި އަދި އެ ފައިސާގެ އަދަދު މިހާރު 230 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
އޭގެ އިތުރުން މިފްކޯ ބަނގުރޫޓުވެ، އެހެން އެއްވެސް ގޮތެއް ނެތުމުން އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރި ކަމަށާއި އެކަމުގެ ސަބަބުން މިއަހަރުގެ މިހާތަނަށް 450 މިލިއަން ގެއްލުންވެފައިވާކަމަށް އަމުރު ވިދާޅުވިއެވެ.
އަދި މިފްކޯގެ މާލީ ހާލަތު ދަށްވެފައިވާ މިންވަރު ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ، މަސްވެރިކަން ކުރާ އާދައިގެ ބޯޓް ފަހަރުގެ ތެރެއަށް މިހާރު މިފްކޯ ލެވޭނެކަމަށެވެ.
އަދި މަސްވެރިކަން ކުރާ އުޅަނދު ފަހަރު 150 ފޫޓަށް ބޮޑުވެގެން ދިޔައިރު މިފްކޯ އާއި މިފްކޯގެ ބޯޓް ފަހަރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި މަސްވެރިން އެވްރެޖްކޮށް ދުވާލަކު 150 ޓަނުގެ މަސް ބާނާއިރު ފެލިވަރަށް ކިރެނީ ދުވާލަކު 50 ޓަނު މަސް ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ މިފްކޯ އަތޯ އަދިވެސް ވަރަށް ބޮޑަށް ދަރަނިވެފައި ކަމަށާއި އެހެންކަމުން ކުއްލިއަކަށް އެކުންފުނި ނަގައި ކޮޅަށް ނުޖެހޭނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މިފްކޯއަކީ ގެއްލުންނުވެ ހިންގާ ކުންފުންޏަކަށް ހެދޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.