ސީދާ ރައްޔިތުންގެ އަތްމައްޗަށް އެންމެ ގިނަ ފައިސާ އަރާ މަސައްކަތަކީ އަދިވެސް މަސްވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، އެކި ކަންކަމުގައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ސަރުކާރުން ފައްޓަވައިގެން ކުރިޔަށް ގެންދަވާ "ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ތިންވަނަ ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން، ގދ. ތިނަދޫ ގައި ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.
ދިވެހި މަސްވެރިކަމަކީ ވަރަށް ދުވަސްވީ ގަދީމީ މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ޓޫރިޒަމް ރާއްޖެއަށް ތައާރަފުވެ ޓޫރިޒަމްގެ ނަފާ ލިބެން ފެށުމާ ހިސާބަށް، ނުވަތަ 1980 ގެ އަހަރު ތަކާ ހިސާބަށް އަންނަންދެން ރާއްޖެއަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރަމުން އައީ ވެސް މަސްވެރިކަން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ހަމަ އެކަނި މިފްކޯގެ ތަފާސް ހިސާބު ތަކަށް ބަލާ އިރު، މިިދިޔަ އަހަރު އެކަނި ވެސް މަސް ގަތުމަށް 813 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި މި އަހަރުގެ މިހާ ތަނަށް އައި އިރު 467 މިލިއަން ރުފިޔާ މަސް ގަތުމަށް ހަރަދުކޮށްފައިވާ ކަމަށެވެ. މި ފައިސާއަކީ ސީދާ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާކަން ރައީސް ފާހަގަކުރެއްވި އެވެ.
"މިއަަދު އާމްދަނީގެ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ހިއްސާއެއް ކުރާ މަސައްކަތަކީ މަސްވެރިކަން ކަމަށް ނުވި ނަމަވެސް، ސީދާ ރައްޔިތުންނަށް އެންމެ ގިނަ ފައިސާ އަތްމައްޗަށް އަރާ މަސައްކަތަކީ އަދިވެސް މަސްވެރިކަން." ރައީސް ސޯލިހު ވިދާޅުވި އެވެ.