ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅުގެ ބައެއް ކައުންސިލަރުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ގދ. ތިނަދުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި، ތިނަދޫ ރަށު ކައުންސިލް އިދާރާގައި ވަކިވަކިން ރޭ ބޭއްވެވި މިބައްދަލު ކުރެއްވުން ތަކުގައި ގއ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާއި ގދ. ގައްދޫ ކައުންސިލަރުންނާއި ގދ. ފަރެސް މާތޮޑާ ކައުންސިލަރުންނާއި ގއ. ދާންދޫ ކައުންސިލަރުން އަދި ގއ. ގެމަނަފުށީ ކައުންސިލަރުން ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުކުރެއްވުން ތަކުގައި ކައުންސިލަރުންވަނީ އެރަށްރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަން ފާހަގަ ކުރައްވައި ބައެއް މުއައްސަސާ ތަކުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ބޭނުންވާ ކަންކަން ފާހަގަ ކުރައްވައިފައެވެ.

އެގޮތުން ރަށްރަށުގެ އިގުތިސާދާއި ރައްޔިތުންގެ އާމްދަނީއާއި ޒުވާނުންނާއި ކުޅިވަރާއި ތައުލީމާއި ސިއްހީ ދާއިރާގައި ހުރި މައްސަލަތަކާއި އެދާއިރާތަކުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަން ފާހަގަ ކުރައްވައި ކައުންސިލުތަކުން ރައީސުލްޖުމްހޫރިއްޔާއާ އެކަންކަން ހިއްސާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުން ތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކަމާ ގުޅުންހުރި ސަރުކާރުގެ ކުންފުނިތަކާއި މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.