ދިވެހި އަސްކަރިއްޔާގެ ތެރެއަށް އެންމެ ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ކުރައްވާ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އާދަމް ޝަރީފް ވިދާޅުވީ ޑިފެންސް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު، ސިފައިންގެ ތެރޭގައި ސިޔާސީ ނުފޫޒު އޮތުމުން ބޮޑެތި ކަންތައްތަކެއް ކުރިމަތިވި ކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވާ އުޅަނދަކީ ސިފައިން އެންމެ ބޮޑަށް އޭގެ ސަލާމަތާއި ރައްކާތެރިކަން ބަލައި ކަށަވަރުކުރަން ޖެހޭ އުޅަނދުކަމަށްވީ ނަމަވެސް ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ކުރިން އުޅަނދު ބެލިފައިނުވަނީ ސިފައިންގެ ތެރެއިން ސިޔާސީ ނުފޫޒު ވެދެފައިވާލެއް ބޮޑުކަމުން ކަމަށާއި އޭގެ އިތުރުން ހިބަޅިދޫ އިން ހަތިޔާރުތަކެއް ފެނުމާއި މާލެ އިން އައިއީޑީ ފެނުނު ހާދިސާ ފަދަ ހާދިސާތައް މެދުވެރިވެފައިވަނީ ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ސިފައިންގެ ބައެއް އިސް ބޭފުޅުންނާއި އެކި ރޭންކުތަކުގައި ތިބި ސިފައިން، ސިޔާސީ ބައެއް ބޭފުޅުންނާ އާދަޔާ ހިލާފު ގާތް ގުޅުންތަކެއް އޮންނަ ކަމަށެވެ.