ޖޫން މަހު 24ގައި ފެށުނު އދ ގެ އިިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 41 ވަނަ ސެޝަން މިއަދު ނިންމާލައިފިއެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ އދ ގެ މަރުކަޒުގައި ކުރިއަށްދިޔަ މި ސެޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުން ހަތް ސްޓޭޓްމަންޓެއް ދީފައިވެއެވެ. ތިން ހަފްތާއަށް ކުރިއަށް ދިޔަ މި ސެޝަންތަކުގައި ރާއްޖެއިން ސިން ސްޓޭޓްމަންޓްތަކުގައި ސީރިއާ، މިޔަންމަރ އަދި ފަލަސްތީންގައި ހިނގަނމުންދާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ކުށްވެރިކޮށް ވާހަކަދެކެވުނު ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.
ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި އަންހެނުންގެ ހައްގުތައް، މޫސުމަށް އަންނަ ބަދަލުތައް، ޖަޖުންނާއި ލޯޔަރުންގެ މިނިވަންކަން ދެމެހެއްޓުން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން އަދި މަދަނީ ޖަމިއްޔާ ޖަމާއަތްތައް އުފައްދާ އެކަންކަމުގައި ހަރަކާތްތެރިވުމުގެ މިނިވަންކަމަށް މި ސެޝަންގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކާފައިވެއެވެ. އަދި މި ސެޝަންގައި ފާސްކުރެވުނު 25 ގަރާރުގެ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެ ރާއްޖޭގެ ވަފުދުން މި ބައްދަލުވުންތަކުގައި ހިޔާލު ހުށަހެޅި ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމަތު ދެއެވެ.
މި ބައްދަލުވުމުގެ ހުލާސާގައި ކުރިއަށްދިޔަ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި ޖަމިއްޔާ ޖަމާއަތްތައް އުފައްދާ އެކަންކަމުގައި ހަރަކާތްތެރިވުމުގެ މިނިވަންކަމުގެ ހައްގުތައް ކުރިއެރުވުމަށް ބޭއްވުނު އިވެންޓެއްގެ އިތުރުން "ލެޖިސްލޭޓިން ފޮ ޖެންޑަރ އީކުއެލިޓީ؛ އެލިމިނޭޓިން ޖެންޑަރ ބޭސްޑް ޑިސްކްރިމިނޭޝަން އެންޑް ވައިލެންސް"ގެ ނަމުގައި ކުރިއަށްދިޔަ ހަވާސާ އިވެންޓެއްގައި ރާއްޖެއިން ބައިވެރިވިއެވެ. އަދި މި ސެޝަންގައި ފާސްކުރި ބައެއް ގަރާރުތައް ރާއްޖެއިން ކޯ-ސްޕޮންސަރ ކުރި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.
ރާއްޖެ ތަމްސީލު ކުރުމަށް ހިއުމަން ރައިޓްސް ކައުންސިލްގެ 41 ވަނަ ސެޝަންގައި ބައިވެރިވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، ދިވެހިރާއްޖޭއިން ޖެނީވާގައި ހުންނަ އދ ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ.ހާލާ ހަމީދާއި އެ އޮފީހުގެ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ހަވްލާ އަހުމަދު ދީދީ އެވެ.