ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާއެކު ތާއީދު އިތުރުކޮށް، ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަންނަ މަހު ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އަތޮޅުތަކަށް ކުރާ ދަތުރުތައް ފަށާނީ ހއ. އަތޮޅުން ކަމަށެވެ.
ރޭގައި އަޅުގަނޑުމެންގެ ވަރަށް ހާއްސަ ލީޑާޝިޕް ބައްދަލުވުމެއް ބޭއްވުނު. އެ ބައްދަލުވުމުގައި އަޅުގަނޑުމެންނަށް އަތޮޅުތެރޭގެ ހަރަކާތްތައް އިރާދަކުރެއްވިއްޔާ މިއަންނަ މަހު ފަށާނެ ރައީސް ޔާމީނާ އެކީގައި ފެށުމަށް ފާސްކުރެވުނު. އެންމެ ފުރަތަމަ މަންޒިލަކީ ހއ އަތޮޅު. އެހެންވީމާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް އަޅުގަނޑުމެންގެ ދެ ޕާޓީން ގުޅިގެން މިފެށީ. އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އިރާދަކުރެއްވިއްޔާ މިމަހުގެ ބާކީ މިއޮތް ދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެން ނިންމައި، ރައީސް ޔާމީނާ އެކީގައި ފުރަތަމަ އަޅުގަނޑުމެންގެ ދަތުރު މިފަށަނީ ހއ. އަތޮޅުން،" އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ހއ. އަތޮޅުގެ ހުރިހާ ރައްޔިތުންނާއި މާލޭން އުތުރުގެ ހުރިހާ ރައްޔިތުން ތައްޔާރުވެ، އެ ދަތުރަށް އިންތިޒާރުކުރުމަށް އެދޭ ކަމަށާއި އުތުރު ނިންމުމަށްފަހު ދެކުނުގެ އަތޮޅުތަކަށް ދަތުރުކުރާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދަތުރުކުރާނީ ރައީސް ޔާމީނާ އެކީގައި. މާލޭގެ އުތުރު ނިންމުމަށްފަހު، މާލޭން ދެކުނު ވެސް ފަށާނެ. ބައެއް ހާލަތްތައް އަންނާނެ އުތުރުގައި ތިބެފައި ދެކުނަށް ވެސް ދާން ޖެހޭ ހާލަތްތައް. އެހެންވީމާ އަޅުގަނޑުމެންގެ ހަރަކާތްތައް ހަމައެކަނި ހިނގާނީ މާލެއަކު ނޫން. އަޅުގަނޑުމެންގެ ހަރަކާތްތައް ހިނގާނީ ބާރަށް އަތޮޅުތެރޭގައި،" އޭނާ ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ޖަލްސާތަކާއި ކަންމަތީ ޖަލްސާތައް އަދި ޕާޓީއަށް މީހުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި މުޒާހަރާ ކުރަން ޖެހިއްޖެއްޔާ ދެ ޕާޓީން މުޒާހަރާވެސް ކުރާނެ ކަމަށެވެ. އަދި މި ސަރުކާރުން ހަދާހާ ހުރިހާ އެއްޗެއް ހަދަން ދެން ކުޅި ބަލަން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.