މިއަހަރު ނިމޭ އިރު މިފްކޯއަކީ ގެއްލުން ނުވެ ހިންގޭ ތަނަކަށް ބަދަލުވެގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫގައި މިރޭ ބޭއްވި ޖަޒީރާ ހޮޅުއަށި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކެމްޕޭނު ތެރޭގައި ވެސް ވައުދުވީ ފަދައިން މިފްކޯއަކީ ގެއްލުން ނުވެ ހިންގާ ތަނެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ކެމްޕޭނު ތެރޭގައި ވެސް ވައުދުވީ ފަދައިން، ވާހަކަދެއްކި ފަދައިން ފުރަތަމަ ކަމަކަށް މިފްކޯއަކީ ގެއްލުން ނުވެ ހިންގާ ތަނެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އެބަގެންދޭ. އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭ އިރުގައި މިފްކޯއަކީ ގެއްލުން ނުވެ ހިންގޭ ތަނަކަށް ބަދަލުވެގެން ދާނެ. އަދި އެއަށްފަހުގައި އަޅުގަނޑުމެން މިދެންނެވި ފަދައިން ރާއްޖޭން ބާނާ މަސް އިތުރަށް ޕްރޮސެސްކޮށް، އިތުރު އަގު ހޯދޭނެ ގޮތް ހޯދޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް ބާނާ މަސް މިހާރަށްވުރެ ބޮޑު އަގު ލިބޭނެ ގޮތްތައް ހޯދުމަށްޓަކައި މިފްކޯއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ރާއްޖެއަށް ބާނާ 150،000 ޓަނުގެ ތެރެއިން މިހާރު މިފްކޯއަށް ގެނެވެނީ 42،000 ޓަނު ކަމަށެވެ.
"މިހާތަނަށް އަންދާޒާތަކުން ފެންނަ ގޮތުގައި ރާއްޖެއަށް ބާނާ މަހުގެ މުޅި ޖުމްލައަކީ ގާތްގަނޑަކަށް 150،000 ޓަނު. އޭގެ ތެރެއިން މިފްކޯއަށް މި ގަނެވެނީ 42،000 ޓަނު. ދެން އުޅޭ އެހެން ފަރާތްތަކާއެކު ބަލާ އިރުގައި 100،000 ޓަނު މަސް އެންމެ ގިނައިން މި ގަނެވެނީ. އަދި ގަތުމަށް ފަހުގައި ރާއްޖޭން ބޭރަށް، ފިނިކުރި މަހުގެ ގޮތުގައި ބޮޑު ބައެއް މި ބޭރުކުރެވެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފިނިކުރި މަހުގެ ބަދަލުގައި ބަންދުކޮށްގެން ބޭރުކުރީމާ، ލިބޭ އަގު ހަތަރު ގުނައަށް އިތުރުވާނެ ކަމަށާއި މިފްކޯއަށް ގަންނަ މަހުގެ ތެރެއިން ދަޅުގައި މި ބަންދުކުރެވެނީ ގާތްގަނޑަކަށް 28 ނުވަތަ 30 ޕަސަންޓް މަސް ކަމަށެވެ. އަދި މިފްކޯގައި ފައިދާވާ ހަމައެކަނި ތަނަކީ ފެލިވަރުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ފެންނަން އޮތް ހަގީގަތަކީ މިފްކޯގައި ފައިދާވާ ހަމައެކަނި މިއަދު އޮތް ތަނެއްގައި ގޮތުގައި މިއޮތީ ފެލިވަރު. ފެލިވަރަކީ މަސް ބަންދުކޮށްގެން ބޭރުކުރާ ތަނެއް. ކޫއްޑޫ ވިޔަސް، އައްޑޫ ވިޔަސް، ކަނޑުއޮތްގިރި ވެސް މިވަގުތު އެ ހިންގަނީ ގެއްލުމުގައި. އެހެންކަމުން ރާއްޖެއަށް މި ބާނާ މަސް އަދި މިފްކޯއަށް މި ގަންނަ މަސް ޕްރޮސެސްކޮށްގެން، ބަންދުކޮށްގެން ބޭރުކުރެވިއްޖެއްޔާ މިހާރު މި ލިބޭ އަގަށްވުރެ ބޮޑު އަގެއް ލިބޭނެކަމީ ޝައްކެއް ނެތް ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިފްކޯއަށް މިހާރަށްވުރެ ބޮޑު އަގެއް ލިބޭ ކަމަށްވާނަމަ، މަސްވެރިންނަށް މިފްކޯއިން މަސް ގަންނަން ދޭ އަގު އިތުރުކުރެވޭނެ ކަމަށެވެ.